ބޮލީވުޑް މުނިފޫހިފިލުވުން

މަސް ކާން ޖެހުމުން އެތެރެއިން ވަރަށް ރުއިން: ޝެހެނާޒް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންޑިއާގެ މަޝްހޫރު ތަރި ޝެހެނާޒް ގިލް

މަހުގެ އެކި ބާވަތްތަކުން ތައްޔާރުކޮށްފައިވާ ކާނާ ނުވަތަ ނޮން ވެޖިޓޭރިއަން ފުޑްސް ކާން ޖެހުމުން އެކަން ކުރިކަމަށާއި އެހެންނަމަވެސް އޭރު ދިޔައީ "އެތެރެއިން ރޮމުން" ކަމަށް އިންޑިއާގެ ތަރި ޝެހެނާޒް ގިލް ބުނެފި އެވެ.

Ads by MWSC

ޝެހެނާޒް އަކީ އެންމެ ކުޑައިރުއްސުރެއް ވެޖިޓޭރިއަން ފުޑްސް ނުވަތަ މަހުގެ އެއްވެސް ބާވަތެއް ނުހިމަނާ ކެއުންތައް ކާ މީހެކެވެ. އެހެންނަމަވެސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ޑޮކްޓަރު ލަފާ ދިނުމުން މީގެ މަދު އަހަރެއް ކުރިން މަހުގެ ބާވަތްތަކުން ތައްޔާރުކޮށްފައިވާ ކާނާ ކާން ޖެހުނުކަން އޭނާ ހާމަ ކުރިއެވެ.

"ސިއްހީ މައްސަލައެއް ދިމާވެގެން އަހަންނަށް ކަރު ހަރަކާތް ނުކުރެވުނު. ކަރު ހުރީ ޓެންޝަން ވެފަ. އެހެންވެ ޑޮކްޓަރު ލަފާ ދިނީ ނޮން ވެޖިޓޭރިއަން ފުޑްއަށް ބަދަލުކޮށްލަން" ޝެހެނާޒް ކިޔައިދިނެވެ.

ޝެހެނާޒް ބުނީ އެމައްސަލަ މުޅިން ރަނގަޅުވުމުން އަނބުރާ ވެޖިޓޭރިއަށް ކާނާއަށް ބަދަލުކޮށްލި ކަމަށެވެ. އެހެންނަމަވެސް އޭރު މަހުގެ ބާވަތްތައް ކާން ޖެހުމުން އެތެރެއިން ވަރަށް ރުއި ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ޝެހެނާޒް މަޝްހޫރުކަން ހޯދީ ސަލްމާން ހާންގެ ރިއަލިޓީ ޝޯ "ބިގް ބޮސް" އިން ފެނުނު ފަހުންނެވެ. އެޝޯގައި ޝެހެނާޒަށް ލިބުނީ ދެވަނައެވެ.

އެ އަހަރު އެއްވަނަ ގެންދިޔައީ ޝެހެނާޒްއާ ލޯބީގެ ގުޅުމެއް އޮތްކަމަށް ވާހަކަ ދެކެވުނު ސިދާތު ޝުކުލާއަށެވެ. ބިގްބޮސްއިން މޮޅުވިތާ މަދު އަހަރެއް ފަހުން ހާޓް އެޓޭކެއް ޖެހިގެން ސިދާތު ވަނީ މަރުވެފައެވެ.

ޝެހެނާޒް ބޮލީވުޑަށް ތައާރަފުވީ ދާދި ފަހުން ނިކުތް ސަލްމާންގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އިންނެވެ. މިފިލްމުގައި ސަލްމާއާ ޝެހެނާޒްގެ އިތުރުން ރާގަވް ޖުޔާލް، ޕޫޖާ ހޭގްޑޭ، ޕަލަކް ތިވާރީ. ޖެއްސީ ގިއްލި އަދި ސިއްދާތު ނިގަމްވެސް ފެނިގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!