މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ދުރުކުރަން ދަނީ ވަރަށް ފުންކޮށް ވިސްނަމުން: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން, މުޙައްމަދު ނަޝީދު ދުރުކުރުމަށް ވަރަށް ފުންކޮށް ވިސްނަމުން ގެންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ބަންޑާރަނައިބު ވަކިކުރަން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ރިޔާސަތު ކަންކުރެއްވި ގޮތުން ހިތްހަމަ ނުޖެހިގެން ސަރުކާރުގެ ޕާޓީ, އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރިޔާސަތު ކުރިޔަށް ގެންދަވާ ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މަޖިލީހުގެ ރިޔާސަތާމެދު ކަންބޮޑުވުން ހުންނެވި ދަނޑިވަޅެއްގައި, މަޖިލީހުގެ މެޖޯރިޓީ އޮވެމެ, މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރަން މަސައްކަތް ނުކުރަނީ ކީއްވެތޯ ނޫސްވެރިން ވަނީ ސުވާލު އުފައްދަވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕީޖީގެ މީޑިއާ ކޯޑިނޭޓަރ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ އެކަން ނުކުރައްވާ ތިއްބެވީ ޕާޓީގެ ރައީސަށް ކުރައްވާ އިޙްތިރާމެއްގެ ސަބަބުން ކަމަށެވެ. އަދި އެކަން ނުކުރަނީ ކުރަން ނުކެރުން, ނުވަތަ ބޭނުން ނުވުމެއް ނޫން ކަމަށާއި ބޭނުންވަނީ އިޙްތިރާމާއެކީ މަޝްވަރާ ކުރައްވައިގެން ކަންކަން ހައްލު ކުރަން ކަމަށެވެ.
“ރިޔާސަތުގައި އެ އިންނެވީ އަޅުގަނޑުމެން ޕާޓީގެ ވެސް ރައީސް” ޢަބްދުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, ރިޔާސަތުން ތަކުރާރުކޮށް ކުރައްވާ ކަންކަމުގެ ސަބަބުން އެމަނިކުފާނު ރިޔާސަތުން ދުރުކުރަން ޕީޖީން ވަރަށް ފުންކޮށް ވިސްނަވާ ކަމަށާއި, ނަމަވެސް އެކަން ކުރަން އަދި ވަގުތު ނުޖެހޭ ކަމާށެވެ.
”މިގޮތަށް މިކަން ތަކުރާރުވަމުންދާތީ, ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެކަމާމެދު [ރައީސް ނަޝީދު މަޤާމުން ދުރުކުރަން ހުށަހެޅުމާމެދު] ފުންކޮށް ވިސްނަވަމުންދާ ކަމަށް. އެހެންނަމަވެސް އެކަން ކުރަންވާ ވަގުތު ނުޖެހޭތީ އެ މަސައްކަތް އަދި ނުކުރަނީ” ޢަބްދުﷲ ވިދާޅުވިއެވެ.