ޚަބަރު ރައްޔިތުންގެ މަޖިލިސް

މައިނޯރިޓީ ޕާޓީތަކުން އެދެނީ ނަޝީދު ނުވަތަ އީވާގެ މައްސަލަ އަނބުރާ ގެންދަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އެމްޑީޕީން އަނބުރާ ގެންދިޔުމުން ނޫނީ މަޖިލީހުގައި އެޅިފައިވާ މަރުތަޅު ނުނެއްޓޭނެ ކަމަށް މަޖިލީހުގައި ތިއްބެވި ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިނޯރިޓީ ޕާޓީތަކުގެ ތެރެއިން އެމްއެންޕީއާއި ޖޭޕީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގައި ކަންކަން ކުރައްވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ޖޭޕީގައި ހުންނެވި މެމްބަރު އަލީ ހުސައިންވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް އެޕާޓީން ރަސްމީކޮށް އިދިކޮޅު "އިއްތިހާދު" ގައި ބައިވެރިނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށެވެ. އަލީ ހުސައިންވެސް ވިދާޅުވީ މި ދެމައްސަލަ އެއްފަހަރާ ހުށަހަޅައިފިނަމަ މަޖިލީހުގައި މަރުތަޅު އެޅުވޭނެކަން ހުދު އެމްޑީޕީއަށްވެސް އެނގޭނެ ކަމަށެވެ.

އަލީ ހުސައިން

ފުރަތަމަ ހުށަހެޅި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް މުހައްމަދު ނަޝީދަށް ރިޔާސަތު ބެލެހެއްޓޭނެ ނޫންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އަލީ ހުސައިން ވިދާޅުވީ ގާނޫނުގައި އެކަން ބަޔާން ކޮށްފައި ނެތްނަމަވެސް 50 އެތައް މެމްބަރުންގެ ސޮޔާއިއެކު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން ދެން ރިޔާސަތުގައި އިންނަވަން ކޮންމެ މީހަކަށްވެސް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާ މައްސަލައިގައި މިއުޅެނީ ގާނޫނީ ގޮތުން އުފެދިގެން އުޅޭ ހިލާފެއް ނޫން ކަމަށާއި އެއީ ބުއްދި ގަބޫލު ކުރާ އުސޫލީ މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ބޭނުންވާނަމަ ރައީސް ނަޝީދުގެ ނުވަތަ އީވާގެ މައްސަލަ އަނބުރާ ގެންދަންޖެހޭނެ ކަމަށެވެ.

"...މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ" އަލީ ހުސެއިން ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީތައްވެސް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފަ އެވެ. މިގޮތުގައި ތިން ހަފްތާއެއްހާ ދުވަސް ވެފައިވާއިރު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ހުސައިން ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށް ވާއިރު މިހާރު މިއޮތް ހާލަތަކީ ގާނޫނީ ބޮޑު ހުސްކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރާއިރު މިހުސްކަން ފިލުވުމަށް މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!