މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނަޝީދަށް ދައުވާކުރަން ޖެހޭ: ޝަރީފު
ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަޖިިލިސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދާޅުވީ މިހާރު މަޖިލީހުގެ ރިޔާސަތު ގައި މިހާރު އިންނަވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ގަސްތު ނުކުރައްވާކަމަށެވެ.
"މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިންމުމަށްގެނައުމަށްޓަކައި މުހައްމަދު ނަޝީދުގެ މައްޗައް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫންގޮތެއްނެތް. އަފީފްވެސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ގަސްތެއް ނުކުރައްވާ ނިޔަތެއްވެސް ނެތް" ޝަރީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ރިޔާސަތައް ހުރަސް އެޅުމުން، މިއަދުގެ ޖަލްސާވަނީ މަޝްވަރާއަށް މެދު ކަނޑާލައިފައެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރަން އެމްޑީޕީން އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގެ ނޯޓިސް ވެސް މިހާރު އޮތީ ފޮނުވައިފަ އެވެ. ނަޝީދު މި ވަގުތު ހުންނެވީ ކުޅުދުއްފުށީގައެވެ. ނަޝީދު ވަނީ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބަލައްހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހަށް އަންގަވައިފައެވެ. އެކަމާ ގުޅިގެން އިއްޔެ ވެސް މަޖިލީހުގެ ރިޔާސަތު ބަލައްޓާނެ ބޭފުޅަކު ނެތިގެން ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.