ޚަބަރު

ދެތިން މީހަކު ރުޅި އައީމަ މަޖިލިސް ހުއްޓާލާނަމަ, އަޅުގަނޑު ރުޅި އައީމަ ވެސް ހުއްޓާލަން ޖެހޭނެ: ޖާބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޖިލީހުގައި ދެތިން މީހަކު ރުޅި އައުމުން މަޖިލީހުގެ ޖަލްސާ މެދު ކަނޑާލާނަމަ, އަބްދުﷲ ޖާބިރު ރުޅި އައުމުން ވެސް މަޖިލިސް ހުއްޓާލަން ޖެހޭނެ ކަމަށް, ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެވެ.

Ads by STELCO

ޖާބިރު މިހެން ވިދާޅުވީ, ރާއްޖެ ޓީވީގެ ޕޮރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ އިދިކޮޅުން މަޖިލިސް ކުރިޔަށް ގެންދަން ހުރަސް އެޅުމުންނެވެ. އެގޮތުން އެމްޑީޕީން ވަކިވެ މިހާރު އަމިއްލަ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާ 13 މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށްފައެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނުކޯލަކާއެކު މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ, މައިނޯރިޓީން މެޖޯރިޓީގެ މައްޗަށް އަމުރު ހިންގައިގެން އުޅޭ ކަމަށާއި މެޖޯރިޓީ މީހުން އަތް އުރާލައިގެން އެކަން ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

”އެގޮތަށް ދެތިން މީހުން ރުޅިއައިމަ ހުއްޓާލެވޭނަމަ އަޅުގަނޑުވެސް ރުޅިއައިމަ އޮންނާނީ އެގޮތަށް ހުއްޓިފައި، ބަޔަކު މީހުން މަޖިލީހަކީ ލާޗާރު ތަނަކަށް ހަދަނީ، އެކަމަކު ހަޤީޤަތަކީ އެއް ނޫން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަށް ތަބާވާންޖެހޭނެ“ ޖާބިރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!