ގްރޫޕްހަދާފަ މީހުން ތިބޭ ތަންތަނުގައި ހުރި ތަކެތި ފުލުހުން ނަގައިފި
މާލޭގައި ގްރޫޕް ހަދައިގެން މީހުން ތިބޭ ތަންތަނުގައި ބަހައްޓާފައި ހުރި ތަކެތި ފުލުހުން ރޭ ނަގައިފިއެވެ.
ފުލުހުން ރޭ ވަނީ މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުރި އެޒާތުގެ ތަކެތި ނަގާފައެވެ. ފުލުހުން ނެގި ތަކެތީގެ ތެރޭގައި ޖޯލި އަދި ގޮނޑި ފަދަ ތަކެތި ހިމެނެއެވެ.
ގްރޫޕް ހަދައިގެން އެގޮތަށް މާލޭގައި ހަރަކާތްތެރި ވަނީ ގޭންގުތަކުންނެވެ. އެ ގޭންގުތަކުން އެގޮތަށް ތިބެ މަޝްވަރާކޮށް ވައްކަން ކުރުމާއި ފޭރުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމާއި ވަޅިން މީހުންނަށް ހަމަލާދިނުން ފަދަ ކަންތައްތައް ކޮށް އުޅެއެވެ.
ފުލުހުން އެފަދަ ތަކެތި ނަގާފައި ވަނީ މާލޭގައި ކުށް މަދުކުރުމަށް ކުރަމުންދާ ޚާއްސަ މަސައްކަތުގެ ދަށުންނެވެ. މިދުވަސްވަރު މާލޭގައި ވަޅިން މީހުންނަށް ހަމަލާދިނުން ވަނީ އިތުރުވެފައެވެ. ހަމައެހެންމެ ބޮޑު ޗުއްޓީގެ ދުވަސްވަރަށް ވުމާއެކު ގޭގެއިން ވައްކަން ކުރުން ވެސް ވަނީ އިތުރުވެފައެވެ.
ގޭގެއިން ވައްކަންކުރުން އިތުރުވެފައިވާތީ އެފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލައި އެޅުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.