ރިޕޯޓް

ލަވަ މުބާރާތާއިއެކު ކުދިން ބުލީގެ ޝިކާރައަކަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

"މިވެސް ދެން ލަވައެއްތަ؟" އެކަކު ބުންޏެވެ. "ވައްތަރެއްނު އެ ޖައްސަނީ" އެހެން މީހަކުވެސް ބުންޏެވެ. "ތިއަށްވުރެއް ރީއްޗަށް މަ ހަޅޭވެސް ލަވާނަން" އޭގެ ފަހުން މީހަކު ބުންޏެވެ. މި ދައްކަނީ ޓިކްޓޮކްގައި ޔެސް ޓީވީން އާންމުކޮށްފައިވާ ވީޑިއޯއަކަށް ދިވެހިން ކޮށްފައި ހުރި ކޮމެންޓުތަކެއްގެ ވާހަކަ އެވެ. މި ކޮމެންޓުތަކުގެ ހިތްދަތިކަން ބޮޑުވަނީ ބަހުރުވަ ހުރި ގޮތުންނެއް ނޫނެވެ. އެންމެ ބޮޑު ހިތާމައަކީ މިއީ ސްކޫލު ކުދިންގެ ލަވަ މުބާރާތުގައި ކުޑަކުދިން ކިޔައިދީފައި ހުރި ލަވަތަކުގެ ވީޑިއޯތަކަށް މިހެން ކޮމެންޓު ކުރުމެވެ.

Ads by MWSC

"ހަނގާ ކުރުން" ނުވަތަ އެންމެން ދަންނަ ގޮތަށްނަމަ ބުލީ ކުރުމަކީ މިހާރު އެއް ބަޔަކަށް ފެޝަނެކެވެ. ޓްރެންޑެކެވެ. މީމްސްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ހަނގާކުރުމަކީ ވަރަށް އާންމު ކަމެކެވެ. "ބޫމާ" އަކަށް ނޫނީ "ކަންމަތީ އާންޓީންނަކަށް" މިލަކުޑަކު ޖޯކެއް މަޖައެއް ނުވާނެއޭ ފަހަރުގައި ބުނެފާނެ އެވެ. އެކަމަކު ދަންނަވަން ހެއްޔެވެ. މީމްއެއް ބުލީ އަކަށް ބަދަލުވެގެން ދަނީ ނޭނގި ހުއްޓަ އެވެ. މީހަކަށް ޖޯކު ޖަހައި މިގޮތަށް އާންމުކުރާ ހަމަ އެންމެ ޕޯސްޓަކުން ނަފްސާނީ ގޮތުން އެމީހާއަށް ކުރުވާނެ އުނދަގޫތަކެއް މިހެން ލިޔުމަކުން ބުނެދޭކަން ނޭނގޭނެ އެވެ. މިއީ އެއަށްވުރެއް ފުންކޮށް، ފުޅާކޮށް އޮތް ކަމެކެވެ.

ޓިކްޓޮކްގައި ނަށާފައި މީހަކު އާންމުކުރާ ވީޑިއޯއެއްގައި ކޮށްލާ ކަމަކުން އެމީހާ މީމްއަކަށް އެބަ ބަދަލުވެ އެވެ. ނޫނީ ފިލްމެއްގައި މީހަކު ބުނާ ޑައިލޮގަކުންވެސް އެމީހަކު މީމްއަކަށް އެބަ ބަދަލުވެ އެވެ. މިގޮތަށް އާންމުކުރާ މީމްތަކަކީ ހަމައެކަނި މީމްއެއްކަން ވިސްނި އެއާއިމެދު ނުވިސްނާ ނުވަތަ އަޅާ ނުލާނީ އެކަން ރައްދުވާ މީހުންގެ ތެރެއިން ވަރަށް މަދު މީހެކެވެ. ގިނަ މީހުންނަށް މިފަދަ ކަންކަން ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމަކަށް ވެގެން ދެއެވެ.

ދައްކަން މިއުޅެނީ އެވާހަކައެއްވެސް ނޫނެވެ. ކުޑަކުޑަ ކުދިންތަކެއް ކިޔާފައި ހުރި ލަވަތަކަކަށް ޖޯކު ޖަހައި ހުތުރު ބަހުރުވައިން އެތަކެއްޗަށް ކޮމެންޓު ކުރާތީ އެކަމުގެ ހުރި ހިތާމައެއްގެ ވާހަކަ އެވެ. ވަކިވަކިން ލަވަތަކާއި އޭގެ ތިރީގައި ހުރި ކޮމެންޓުތައް ކިޔައިދެވޭކަށް ނެތެވެ. މިއީ ކުޑަކުދިންތަކަކާއި ގުޅުންހުރި ކަމެއްކަމުން މާ ބޮޑަށް ތަފްސީލަށް ގޮސްފިނަމަ ސީދާ އެކަން ރައްދުވާ ކުދިން ހާމަވެދާނެތީ އެވެ.

އެކަމަކު މިފަދަ ކޮމެންޓުތައް ހުރީ އެންމެ ކުއްޖަކު ކިޔާފައި ހުރި ލަވައެއްގައެއް ނޫނެވެ. ގިނަ ކުދިންގެ ލަވަތަކަށް މީހުން ހުރީ މިގޮތަށް ކޮމެންޓު ކޮށްފަ އެވެ. ލަވަ މުބާރާތުގައި ލަވަކިޔާ ހުރިހާ ކުދިންނަކީ އެންމެ މޮޅަށް ލަވަކިޔަން އެނގޭ ކުދިންނެއް ނޫނެވެ. ބައެއް ކުދިން ލަވަކިޔަން ބައިވެރިވީ އެއީ ކުރާ ހިތްވާ ކަމަކަށް ވާތީ އެވެ. އެކުއްޖާ ލަވަ ކިޔާނީ ހުރިހާ ބަހެއް ހަމައަކަށްވެސް ނޫނެވެ. އަޑުގައި މާ މޮޅުކަމެއްވެސް ނުހުރެދާނެ އެވެ. އެކަމަކު އެކުދިން ދަށްކޮށްލުމުގެ ބަދަލުގައި ހިތްވަރު ދިނުން ކިހިނެއްވާނެ ހެއްޔެވެ؟

ހުތުރު ބަސްތަކުން އެއްޗެހި ގޮވަމުންދާ މީހުން އުޅުނު ނަމަވެސް ކުދިންނަށް ހިތްވަރު ދީ ކޮމެންޓުކޮށްފައި ތިބި މީހުންވެސް މަދެއް ނޫނެވެ. ރާއްޖޭގެ މަޝްހޫރު ބައެއް މިއުޒީޝަނުންވެސް ކުދިންނަށް ހިތްވަރު ދީ ބައެއް ޓިކްޓޮކްތަކަށް ކޮމެންޓު ކޮށްފައި ހުއްޓެވެ. އަނެއްބަޔަކު "އެއީ ކުޑަކުދިންކަން ދަނެގެން ކޮމެންޓު ކުރުމަށް" ނަސޭހަތްތެރިވެފައިވެސް ހުއްޓެވެ.

ދިވެހިންނަކީ ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނައަޅައި ދިޔުމުގެ އާދަ އަށަގެންފައި ހުރި މީހުންތަކެއްވެސް ހިމެނޭ ބައެކެވެ. މިސާލަކަށް ޓިކްޓޮކްފަދަ ޕްލެޓްފޯމުތަކުގައި ދާންޖެހޭ ހިސާބަށްވުރެއް މާ ދުރަށް ގޮސް މީހުންގެ މަލާމާތް ރައްދުވާ ގޮތަށް ކަންކަން ކުރާ މީހުންވެސް މަދެއް ނޫނެވެ. މީމްއެއް ހަދައި އެ ދައުރުކުރާއިރުވެސް އިމުން ބޭރުވެގެން ދާފަހަރުވެސް މަދެއް ނޫނެވެ.

މިވާހަކައަކީ ބޮޑު ލިޔުމެއް ލިޔެ މީހުންގެ ސަމާލުކަމަށް ގެންނަންޖެހޭ ވަރު ކަމެއް ހެއްޔޭ ދެން ސުވާލު އުފައްދައިފާނެ އެވެ. މިފަހަރު މިއުޅެނީ ކުޑަކުދިންތަކެއް ޝާމިލުވާ ކަމެއް ހިނގައިގެންނެވެ. ކުޑަކުދިންނަކީ ކަންކަން ރަނގަޅަށް ނުބެލެހެއްޓިއްޖެނަމަ ވަރަށް ފަސޭހައިން ކައްސާލައިގެން ދާ ބައެކެވެ. މިހާރު އުމުރުން 15 އަހަރުގައި ކުދިން ފޯނު ގެންގުޅެ އެވެ. މިސާލަކަށް އެއިން ކުއްޖެއްގެ ފޯނަށް ނުވަތަ ގެންގުޅޭ އައިޕެޑަށް ޓިކްޓޮކް އަޅައިގެން ޔެސް ޓީވީއަށް އެކުދިން ކިޔައިދިން ލަވަ ބަލައިލަން ވަންނައިރު ކޮމެންޓުތައްވެސް ކިޔުން އެކަށީގެންވެ އެވެ. ކޮމެންޓު ކުރުމުގައި އިމެއްގެ ތެރޭގައި ތިބެން ޖެހޭނީ އަހަރުމެން ބޮޑެތި މީހުންކަން ހަނދާން މިކޮށްދެނީ އެހެންވެގެންނެވެ.

ސްކޫލު ކުދިންގެ ލަވަ މުބާރާތަކީވެސް އެތައް ކުދިންނެއްގެ ހުނަރުތަކެއް އުފެދިގެން އަންނަ ޕްލެޓްފޯމެކެވެ. އެހެންކަމުން މިފަދަ ޕްލެޓްފޯމުތައް ވާންވާނީ ކުދިންނަށް ލިބިދޭ ހިތްވަރަކަށެވެ. އެކުދިން ދަށްކޮށްލައި ނަފްސާނީ ގޮތުން ބަލިކަށި ކޮށްލާ ތަނަކަށް ނޫނެވެ.

  1. ާއަހްމަދު

    ލަވަކިޔަންޏާ ވާނީމިހެން

  2. ކޮއްކޮ

    ލަވަ ހަރާމް ކިތަންމެ ބޮޑެތި އާޓިކަލް ލިޔުނަސް. އާދަމްގެ ދަރި ޝީތުގެ ވާހަކަ ލިޔެބަލަ ކެރެންޏާ

  3. އެތަކެއް އަހަރު ވަންދެން ހުއްޓިފައިވާ ބޮޑު މުންކަރާތެއް އަލުން ދިރުވަން އުޅުނަކީ ވެސް ބޮޑު މުންކަރާތެއް