ޚަބަރު

ބަތަލާ ރިސޯޓުގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ

އަރިއަތޮޅު އުތުރުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓުގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ބުނީ ބަތަލާ ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ވައިރަހަކަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި ދެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން ހާލަތު އިތުރަށް މޮނިޓަރ ކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ ކުރިން ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުންނެވެ. ޕޮޒިޓިވް ވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ވައިރަހަށް ޕޮޒިޓިވްވި ދެ ރިސޯޓު ކަމަށްވާ ކުރެއްދޫ ރިސޯޓުގައި 93 މީހެއް އަދި ބަތަލާ ރިސޯޓުގައި 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވަނީ ވިދާޅުވެފައެވެ. މި ދެ ރިސޯޓަށް ވެސް އަރާ ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!