ޚަބަރު

ކޮވިޑް-19: ވިލުފުށިން ކުޑަ ކުއްޖަކު ފައްސި ވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތ. ވިލުފުށީގައި ހޯމް ކަރަންޓީންގައި ހުރި ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އެރަށުގެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެ ރަށު ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ. އަދި ހަމަ އެހެންމެ އެރަށު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާތީ ރަށަށް އަންނަ އުޅަނދުފަހަރާއި އަދި ރަށުންފުރާ އުޅަނދުތަކުގެ މަޢުލޫމާތާއި ދަތުރުކުރާ ރަށުގެ މަޢުލޫމާތު އަދި ދަތުރުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް ދިނުމަށްފަހުގައި ނޫނީ އެއްވެސް އުޅަނދެއް ދަތުރު ނުކުރުމަށް އަންގާ ނަސޭހަތްތެރިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

އެރަށުން އަތޮޅު ފެރީއިން ދަތުރު ކުރެވޭނީ ވެސް ކައުންސިލުން ދޭ ވަކި ފާހެއް އޮންނަ މީހުންނަށް ކަމުގައި ވެސް ވަނީ އަންގާފައެވެ.

އެ ރަށު ކައުންސިލުގެ ނާއިބް ރައީސް އިބްރާހިމް ޝާފިއު ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ދެ އަހަރު ބައިގެ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މާލެއިން ރަށަށް ދިޔައީ މިމަހުގެ ދެވަނަ ދުވަހު ކަމަށާއި މިހާރު ކުރީ ހޯމް ކަރަންޓީނުގައި ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

އަދި އެ ކުއްޖާ ކޮވިޑް-19އަށް ފައްސިވެފައިކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ޓަަކައި ހެދި ޓެސްޓުން ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

މިކުއްޖާ ފައްސިވި ކަމުގައި ވިޔަސް އާއިލާގެ އެހެން މީހުން ކޮވިޑަށް ނައްސި ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!