ޕަދްމާވަތު ފިލްމުން ރަންވީރު ބޭރުކޮށް ޝާހުއަށް ޚިލްޖީގެ ރޯލު ދިން
2018 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ޕަދްމާވަތު" އަކީ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ހައިޖާނެއް އުފެއްދި އެއް ފިލްމެވެ.
ފިލްމުގެ ނަމުން ފެށިގެން އޭގައި ކިޔައިދިން ވާހަކަތަކާއި ބައެއް ލޮކޭޝަންތަކާއި ގުޅިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެވެ. "ޕަދްމާވަތީ" ގެ ނަމުގައި ރިލީޒްކުރަން އުޅުނު އެ ފިލްމު ފިއްތުންތަކުގެ ސަބަބުން ރިލީޒްކުރީ "ޕަދްމާވަތު" ގެ ނަމުގައެވެ.
2015 ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމަކީ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެކީގައި ބަންސާލީއާއިއެކު މަސައްކަތް ކުރަން ސޮއިކުރި ފަހު ފިލްމެވެ. މި ދެތަރިންނާއިއެކު ޕްރީ ޕްރޮޑަކްޝަން މަސައްކަތް ފަށާފައި ވަނިކޮށް ކޮންމެވެސް ސަބަބަކާއި ހުރެ ރަންވީރު ސިންހް ފިލްމުން ބޭރުވިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ އެފިލްމުގައި ކުޅުނީ ވިލަންގެ ރޯލެވެ.
އަލާއުއްދީން ޚިލްޖީ ކިޔާ މުސްލިމެއްގެ ރޯލުން ރަންވީރު ފެނިގެން ދިޔައިރު، އޭނާ ފިލްމުން ބޭރުވި ސަބަބެއް މީޑިއާތަކުގައި ހާމަވެފައެއް ނުވެއެވެ. އެއާއިއެކު ޑައިރެކްޓަރު ބަންސާލީ ވަނީ "ޕަދްމާވަތު" ގެ ސްކްރިޕްޓާއިއެކު އެކްޓަރު ޝާހުރުކް ހާން އާއި ބައްދަލުކޮށްފައެވެ.
އަދި ފިލްމު ނެރޭޓުކޮށްދިނުމުން ޚިލްޖީގެ ރޯލު ކުޅެން ޝާހު އެއްބަސްވިއެވެ. އެހެންނަމަވެސް އޭނާ އެދުނީ ފިލްމުގެ ނަން ބަދަލުކުރާށެވެ. އެއީ "ޕަދްމާވަތު" މި ނަމަކީ ބަތަލާ ދިޕިކާ އެ ފިލްމުގައި ކުޅޭ ރޯލަށް ކިޔާ ނަމަށް ވުމުން އެކަން ޝާހުގެ ފޭނުންނަށް ކަމުނުގޮސްދާނެތީއެވެ.
މިކަމާއިމެދު ބަންސާލީ ވިސްނަމުން ދަނިކޮށް ދިޕިކާ ވަނީ ފިލްމުގެ ނަން ބަދަލުކޮށްފިނަމަ، އޭނާ އެފިލްމު ދޫކޮށްލާނެކަމަށް ބުނެފައެވެ. ދިޕިކާ އަކީ ބަންސާލީއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. ކަން މިހެން އޮއްވައި މާގިނަ ދުވަސްތަކެއް ނުވެ، ރަންވީރު ވަނީ އަނެއްކާވެސް ފިލްމު ކުޅެން އެއްބަސްވެފައެވެ.
އެކްޓަރު ޝާހުރުކް ޚާން ބަންސާލީއާއިއެކު މަސައްކަތެއް ކުރީ 2002 ވަނަ އަހަރެވެ. އެއީ ބްލޮކްބަސްޓާ ފިލްމު "ދޭވްދާސް" ގައެވެ.