ބޮލީވުޑް މުނިފޫހިފިލުވުން

ހަޅޭއްނުލަވާ، އަހަރެން ބީރެއް ނޫން: ޖަޔާ ބައްޗަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވެޓެރަން އެކްޓަރު ޖަޔާ ބައްޗަން

ބޮލީވުޑް ވެޓެރަން އެކްޓަރު ޖަޔާ ބައްޗަން އަކީ އޭނާގެ މިޒާޖުގައި ހުންނަ ރުންކުރުކަމަށް މަޝްހޫރު ފަރާތެކެވެ. މީޑިއާތަކާއިއެކު ޖަޔާގެ އޮންނަނީ ނަފުރަތުގެ ގުޅުމެކެވެ. އޭނާގެ ރުހުމެއް ނެތި މީހަކު ފޮޓޯ ނަގާނަމަ އެކަން ޖަޔާ އަކަށް ކަމަކު ނުދެ އެވެ. އަދި ފޯނުން މީހަކު މާގިނައިރު ފޮޓޯ ނަގައި ވީޑިއޯ ކުރާނަމަ ޖަޔާާ ރުޅި އާދެ އެވެ.

Ads by STELCO

މިމަހު 28 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވަމުންދާ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހާއްސަ ސްކްރީނިންއެއް ރޭ ވަނީ ބާާއްވައިފަ އެވެ. މި އިވެންޓަށް ދިޔުމުން މީޑިއާތަކުން ވަނީ ޖަޔާއަށް ފޮޓޯއަކަށް ހުއްޓުމަށް ގޮވައިފަ އެވެ. ފަހަތަށް އެނބުރިފައި ޖަޔާ ބުނަނީ "އަހަންނަކީ ބީރެއް ނޫން" ކަމަށެވެ. އެހެންކަމުން ހަޅޭއްނުލަވަން އޭނާ އެދެ އެވެ.

މީގެ ކުރިންވެސް ޖަޔާ ވަނީ އެތައް ފަހަރެއްގެ މަތިން މީޑިއާތަކަށް ހަޅޭއްލަވައިފަ އެވެ. އޭނާގެ ދަނބި ދަރި އައިޝްވާރިޔާ ރާއީ ބައްޗަން އަށް ކިޔައި އުޅޭ އާންމު ނަން "އޭޝް" އަށް ނޫސްވެރިޔަކު ގޮވުމުން ވެސް ޖަޔާ ވަރަށް ރުޅި ގަދަވި އެވެ. އަދި އެ ނޫސްވެރިޔާ ވަޒީފާއިން ވަކި ކުރަންވެސް ޖަޔާ ބުންޏެވެ. ޖަޔާ ބުނާ ގޮތުގައި އައިޝްވާރިޔާ އަށް "އޭޝް" އޭ ކިޔާފައި ގޮވުމަކީ އިހުތިރާމް ކުޑަކުރުމެވެ.

ރޮކީ އޯރު ރާނީގެ ހާއްސަ ސްކްރީނިންއަށް ޖަޔާ ދިޔައީ އާއިލާ އާއިއެކު އެވެ. ދަރިފުޅު އަބީޝޭކް ބައްޗަން އާއި ޝްވެތާ ބައްޗަންވެސް ރޭގެ ހަރަކާތަށް ދިޔަ އެވެ.

ބައްޗަން އާއިލާގެ އިތުރުންވެސް ވިކީ ކައުޝާލް، ރަންބީރު ކަޕޫރުފަދަ މަޝްހޫރު ތަރިން ރޭގެ ހަރަކާތަށް ދިޔަ އެވެ.

ރޮކީ އޯރު ރާނީ އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓު ކުރީ ކަރަން ޖޯހަރެވެ. އިތުރު ތަރިންގެ ތެރޭގައި ޖަޔާ ބައްޗަން، ޝަބާނާ އާޒްމީ އަދި ދަރްމޭންދުރަ ވެސް ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!