ޚަބަރު

ފައްޔާޒްގެ މަލާމާތް ރައީސް ނަޝީދަށް: ބަލަންވީ ބާތިލަށްވުރެ ގިނަ ވޯޓް ހޯދޭތޯ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީ ރޫޅައެއް ނުލެވޭނެ ކަމަށާއި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވަންވީ ބާތިލް ވޯޓަށްވުރެ އިތުރަށް ވޯޓެއް ލިބޭތޯ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިރޭ އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅާލުމަށް ނަޝީދު އުފައްދަވާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީން ގޮވަމުންދާ ކަމަށާއި، އެހެންނަމަވެސް އެމްޑީޕީ ރޫޅާ ނުލެވޭނެ ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެޕާޓީ ރޫޅާލުމުގެ ބަދަލުގައި "ދަ ޑިމޮކްރެޓްސް" އުފެއްދި ބޭފުޅުން އެޕާޓީއަށް ތާއީދެއް ލިބޭތޯ ބެލުން މާ ރަގަޅު ވާނެކަމުގައެވެ.

އެމްޑީޕީ ރޫޅައެއްވެސް ނުލެވޭނެ..ބާތިލް ވޯޓަށް އިތުރަށް ވޯޓެއް ލިބޭތޯ ބަލަންވީ.

އެމްޑީޕީގެ ކުރީގެ ރައީސަށް މިހާރު ތާއީދެެއް ނެތްކަމަށް ނޭރުން ކުރައްވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ފުވައްމުލަކުގައި އެމްޑީޕީ "ޗޮކުން" ދާނެކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް، އެސިޓީގައި އެމްޑީޕީއަށް ތާއީދު އޮތްކަން ހާމަވާން އެބައޮތް ކަމުގައެވެ. އަދި އޭނާ މިރޭގެ ޖަލްސާގައިވެސް ވިދާޅުވީ އެމްޑީޕީ ކޯލިޝަން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ރައީސް ސާލިހު ވައުދު ފުއްދަވާ ރާއްޖެ ބަދަލު ކޮށްފި ކަމަށާއި، އެ ތަރައްގީ ނުފެންނަނީ ޝުކުރު ކުރަން ނޭގި އަދި އޮތް ނަފްރަތެއްގެ ބޮޑުކަމުން ކަމުގައެވެ.

ވައުދު ފުއްދަވައިފި، ރާއްޖެ ބަދަލުކޮށްފި.. ޝުކުރު ކުރަން ނޭގިގެން، ނަފްރަތު ބޮޑުކަމުން ތަރައްޤީ ނުފެންނަނީ.

މިސަރުކާރުން ގެނެސްދިން ތަރައްގީއާއެކުވެސް، ރައްޖޭގައި ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ނުދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!