ޚަބަރު

މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލާގައި ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީއެއް ކުޑަކުދިންތަކަކަށް ގުޅި މައްސަލާގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

Ads by MWSC

ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ 2 ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިހާރު ވަނީ ބަލަން ފަށައިފައެވެ.

އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ބުނީ، ގދ. ގައްދޫ ސިއްހީ މަރުކަޒުން 4 ކުޑަކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ އައި.ވީ ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެފައިވާތީ އެ ކޮމިޝަނުން ކަންތައްތައް ހިނގާދިޔަގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި މައްސަލައަކީ ކުޑަކުދިންތަކެއްގެ ސިއްހަތާ ގުޅުންހުރި މައްސަލައަކަށް ވުމުން އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި އެފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކަށް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ އެ މައްސަލަ އެ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ނިމެންދެން ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!