ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް: ނަޝީދު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދަށް ތާއީދު އޮތްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. އަދި މިނިސްޓަރަށް ސާބަސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމާފައިވަނިކޮށެވެ. ޖާބިރު މި މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ 11 މެންބަރުންގެ ސޮޔާއެކުގައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާ ގަރާރެއް ވަންދަން ބޭނުން ވަނީ 10 މެންބަރުންގެ ސޮޔެވެ.