ޚަބަރު

ބޭރުގެ ސިފައިން ބޭލުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި: ޢަލީ ޙުސައިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ފަސްގަނޑުން ބޭރު ޤައުމެއްގެ ސިފައިން ބޭލުމުގެ ބާރު އޮތީ، ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕެއިނަށް، މިއަދު، ބ.ދަރަވަންދޫގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ، މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކެނޑި މައްސަލައިގައި ފާޑުވިދާޅުވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤާނޫނާއި ޚިލާފުވެވަޑައިގަންނަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކަނޑުން 45،000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ގެއްލުވައިލީ، ޤާނޫނާއި ޚިލާފަށް ކަމަށެވެ.

"ޙަޤީޤަތުގައި، ބޭރުގެ ސިފައިން ބޭލުމުގެ ބާރު އޮތީ، ރައްޔިތުންގެ އަތުގައި. 9 ސެޕްޓެމްބަރުގައި، ދިވެހި ލަޝްކަރު އެބަޖެހޭ އަތުރާލަން. ދިވެހީންގެ ލަޝްކަރު އެބަޖެހޭ އަތުރާލަން." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ލިބޭނެ އެންމެ އަގުހުރި ހަތިޔާރަކީ، 9 ސެޕްޓެމްބަރުގައި އަތަށް ލިބިގެންދާނެ ވޯޓު ކަރުދާސްކޮޅު ކަމަށެވެ.

"އެ ހަތިޔާރު ބޭނުންކުރައްވައިގެން، ތިބޭފުޅުން އެދުވަހު އަމާޒު ކުރައްވަންވީ، ކެންޑިޑޭޓް ނަމްބަރު ފަހަކަށް." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، އިންތިޚާބުގައި ވޯޓުލާއިރު، ރައްޔިތުންނަށްޓަކައި، ޤައުމުގެ މިނިވަންކަމަށްޓަކައި މިހައިތަނަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވައިފައި ހުރީ ކޮން ކެންޑިޑޭޓެއްތޯ ވިސްނައިލާން ޖެހޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!