މިނިވަން އިންސާފުވެރި އިންތިޚާބަކަށް، އީސީން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން: ފުއާދު

މިނިވަން، އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީޤު ދެއްވައިފިއެވެ.
ފުއާދު މިއަދު ކުރެއްވި ޓްވީޓެއްގައި، އަންނަ މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އިންސާފުވެރިވާނެތޯ، އާންމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބު ދެއްވިއެވެ.
ފުއާދު ވިދާޅުވީ، އެންމެންގެ ބައިވެރިވުމާއިއެކުގައި، އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އީސީގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.
280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އީސީ އިން ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)، ޑރ. މުހައްމަދު މުޢިއްޒު / ޙުސެއިން މުހައްމަދު ލަޠީފް (ޕީއެންސީ)، ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)، މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަޞީރު (އެމްއެންޕީ)، އިލްޔާސް ލަބީބް / ހުސެއިން ޢަމްރު (ދަ ޑިމޮކްރެޓްސް) އަޙްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްޞައްތާރު ޔޫސުފް، އުމަރު ނަސީރު / މުހައްމަދު ސަލީމް އަދި ޙަސަން ޒަމީލް / މަރިޔަމް ޢަލީމްއެވެ.
ކަލެޔަށް އެކައްޗެއްވެސް ނުބެލޭ