ޚަބަރު

ދެން ސާވޭ: އައްޑޫގެ ރަނިންމޭޓާއެކު މިފަހަރު ވެސް އައްޑޫން ކުރީގައި އޮތީ ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން އޮންލައިން" އިން އައްޑޫގެ ބައެއް ރަށްރަށުގައި ނެގި ސާވޭއިން އެމްޑީޕީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރި ހޯދައިފިއެވެ.

Ads by Sosun Fihaara

މި ސާވޭ ކޮށްފައިވަނީ އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން, ހިތަދޫ, މަރަދޫ, މަރަދޫ-ފޭދޫ އަދި ފޭދޫގައެވެ. ވަގުތު ނެތުމުގެ ސަބަބުން މީދޫއާއި ހުޅުދޫގައި ސާވޭ ކުރިޔަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މި ސާވޭގައި އައްޑޫން 1213 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 138 މީހަކު އެކި ސަބަބުތަކާހުރެ ސާވޭގައި ބައިވެރިވާން ވަނީ ދެކޮޅު ހަދާފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 61 މީހަކު ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ. ވޯޓްލާނެ ކަމަށް ބުނެ, ސާވޭގައި ބައިވެރިވެފައިވަނީ 1041 މީހުންނެވެ.

ސާވޭގައި އެންމެ ކުރީގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙެވެ. ރައީސް ޞާލިޙްވަނީ ވަނީ 352 މީހުންގެ ތާއީދާއެކު (34.61 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ. ޖެހިގެން އޮތީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިޒެވެ. މުއިއްޒަށް އެ ސިޓީ ލިބިވަޑައިގަތީ 302 މީހުންގެ ތާއީދެވެ. އެއީ 29.78 އިންސައްތައެވެ. ތިންވަނައިގައި އޮތީ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބެވެ. އެމަނިކުފާނަށް 142 މީހަކު ތާއީދު ކުރެއްވިއިރު, އެއީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 14 އިންސައްތައެވެ. ހަތަރު ވަނައިގައި 10.16 އިންސައްތަ (103 މީހުންނާއެކު) އޮތީ ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމެވެ. އެމްއެންޕީގެ ނާޒިމަށް ލިބިވަޑައިގަތީ 5.72 އިންސައްތައެވެ. ފާރިސްއަށް 2.56 އިންސައްތަ ލިބިވަޑައިގަތްއިރު, އުމަރު ނަސީރަށް 2.27 އިންސައްތަ ލިބިވަޑައިގަތެވެ. ފުލުގައި އޮތީ 0.79 އިންސައްތައާއެކު ޒަމީލެވެ.

އެޑިޓަރުގެ ނޯޓް: މި ސާވޭ ކުރިޔަށް ގެންގޮސްފައިވަނީ 10 އޯގަސްޓް އިން ފެށިގެން 26 އޯގަސްޓާ ހަމައަށެވެ.މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!