ކޮވިޑް-19: ކާފިއު އާއި ޚިލާފުވެގެން ހަ ދުވަސްތެރޭ 387 މީހުން ޖޫރިމަނާ ކޮށްފި

ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވަމުން ދިޔުމާއި ގުޅިގެން މާލެ ސަރަޙައްދުގައި ކާފިއު އިއުލާނު ކޮށްފައިވަނިކޮށް، ކާފިއު އާއި ޚިލާފުވީ މީހުންގެ އަދަދު ހަ ދުވަސް ތެރޭ 387 އަށް އަރައިފިއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 22:00 ން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ. އެވަގުތު ބޭރުގައި އުޅޭ މީހުންނަށް ނަސޭޙަތްދީ، އެކަން ތަކުރާރުވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ އަންގާފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މިމަހުގެ 15 އިން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް 899 މީހަކަށް މިކަމާއި ގުޅޭގޮތުން ނަސޭޙަތް ދީފައިވާއިރު 387 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކާފިއު އާއި ޚިލާފު ވެގެން އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ. އެދުވަހު އެކަނި 120 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ބޭރަށް ނިކުންނައިރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ. މާސްކު ނާޅާނަމަ ފުރަތަމަ ނަސޭޙަތް ދިނުމަށްފަހު ތަކުރާރު ވެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. ފާއިތުވީ ދުވަސްތަކުގައި މާސްކު ނާޅާ ތިބި އެތައް ބަޔަކު ވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.