ޚަބަރު

ބަރުލަމާނީ ނިޒާމެއްގައި، ފައިސާ ޚަރަދުކޮށްގެން އިންޑިއާއިން ބޭނުންވާ ގޮތަކަށް ވެރިކަން ފުރޮޅައިލާނެ: އަބްދުއްރަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ވެއްޖެ ނަމަ، ފައިސާ ޚަރަދުކޮށްގެން، އިންޑިއާ އިން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ވެރިކަން ފުރޮޅައިލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރ.އިންނަމާދޫގައި މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު، އެ ޕާޓީން މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޯހެއް ހެދުމަށް ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީ ބަދަލު ކުރަން ވެސް، އެ ޕާޓީން ފަސް ނުޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅެނީ، މި މަހުގެ 30 ވަނަ ދުވަހު ނަގާ ވޯޓުން މި ސަރުކާރު ބަލިވާނެކަން އިނގޭތީ، ބަލިވިޔަސް ވެރިކަން ހަވާލު ނުކޮށް ވާނެ ގޮތެއް ވޭތޯ ބެލުމަށް ކަމަށެވެ.

"އިންޑިއާއިން ބޭނުންވަނީ، އިބްރާހީމް މުހައްމަދު ސޯލިހަށް އަނެއްކާވެސް ވެރިކަން ލިބޭނެ ކޮންމެވެސް ގޮތެއް ހޯދައިދޭން. ނުވަތަ އިންޑިއާއިން ބުނާހާ ކަމެއް ކުރާނެ ބައެއްގެ އަތްމައްޗަށް މި ގައުމުގެ ވެރިކަން ގެންދަން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީ އިން ބަރުލަމާނީ ނިޒާމާއި ދެކޮޅު ކަމަށާއި، އެ ކޯލިޝަން މަސައްކަތް ކުރަނީ ރައްޔިތުންގެ ފިކުރާއި އެއްގޮތަށް ކަމަށް އަބްދުއްރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ގާނޫނު އަސާސީ އެކުލަވާލިއިރު، ރައްޔިތުންގެ ގާތަށް ދިޔައީ، ކޮން ނިޒާމެއްތޯ މި ގައުމުގައި އޮންނަން ބޭނުންވަނީ. ރައްޔިތުންގެ 62 އިންސައްތައިން ބުނީ، މި ރާއްޖޭގަ ވެރިކަން ކުރަންވާނީ ރިޔާސީ ނިޒާމަށޭ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ ފެއިލްވެ، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއް ކަމަށާއި، މި ސަރުކާރު އިސްވެ އޮވެ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުން ފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ނަގާ ވޯޓަކީ، ރާއްޖޭގައި މިނިވަންކަން އޮންނާނެތޯ ނުވަތަ ނޫންތޯ އިހްތިޔާރު ކުރުމަށް ނަގާ ވޯޓެއް ކަމަށާއި، އެއީ ސިޔާސީ ޕާޓީތަކުގެ މެދުގައި ނަގާ ވޯޓެއް ނޫން ކަމަށެވެ.

/

Ads by Ooredoo
  1. މިއީ 15 އަހަރުގެ އަޅުވެތި ކަމަކަށް ފަހުން ދިވެހިންގެރާއްޖެ މިނިވަން ވުމަށް ލިބޭ ރަނުގެ ފުރުސަތެއް ހުރިހާ ދިވެހިން ޑރ މުއީޒަށް ވޯޓްދީ ވޯޓް ފޮށިތަށް ފުރާލަދޭންވީ !