ރައީސް ޞާލިޙަކީ ފޮނި، ކިބުރުވެރި، ބޮޑާ މީހެއް ނޫން: ރޮޒައިނާ

އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ފޮނި، ކިބުރުވެރި، ބޮޑާ މީހެއް ނޫން ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ދޭނެ ޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ހުލްގު ހެޔޮ، މަޑުމައިތިރި، ކެތްތެރި ބޭފުޅެއް ކަމަށެވެ.
އަދި އެމަނިކުފާނަކީ ކަންކަމުގައި މަޝްވަރާ ކުރާ، ހިތްތިރި، ރަނގަޅު އިންސާނެއް ކަމަށާއި “މިއީ ހުރިހާ ޑޮކްޓްރޭޓް ފާހަގައަށްވުރެ ވެރިއެއްގެ ހުންނަ މުހިންމު ސިފައެއް” ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
“ފޮނި، ކިބުރުވެރި، ބޮޑާ މީހެއް ނޫން” ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ޓްވީޓުގައި ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ އެކީގައި ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އިލްޔާސް ހުސެއިން ދެއްކެވި ވާހަކަފުޅުވެސް ހިއްސާކޮށްފައެވެ.
އިލްޔާސް ވިދާޅުވީ އިރުޝާދެއް ދެއްވައިފިނަމަ ރައީސް ޞާލިޙް ގަބޫލުކުރައްވާ ކަމަށާއި ކޮވިޑްގެ ވަބާއާއި ގުޅިގެން ވެސް މަސައްކަތް ކުރެއްވީ އޯގާތެރިކަމާއި މަޑުމައިތިރިކަން ދައްކައިގެން ކަމަށެވެ.







ކޮމެންޓް