ވޯކް-ލައިފް ބެލެންސް: ޑރ. މުޢިއްޒު ޒުވާނުންނަށް ދެއްވީ ދެވަނަ ވަޒީފާއެއް ހޯދަން އުޅެން ނުޖެހޭނެ ކަމުގެ ޔަޤީންކަން
ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު އުޅެން ޖެހޭތީ, ޒުވާނުންގެ މެދުގައި ޝަކުވާ ބޮޑުވެފައިވާތީ, އެމަނިކުފާނުގެ ވެރިކަމެއްގައި އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް, ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވެފައިވަނީ, "ދެން އޮންލައިން" އިން ކުރިޔަށް ގެންދިޔަ އާސްކް ޔުއާ ކެނޑިޑޭޓް ޕްރޮގްރާމްގައި ބައިރިވެ ވަޑައިގެން އާއްމުންގެ ފަރާތުން ހުށަހެޅި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ, އެންމެ މުހިންމު ކަމަކަށް ކުރަން ޖެހޭނެ ކަމަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުން ކަމަށެވެ. އޭރުން ޒުވާނުންނާއި އަދި އެ ނޫންވެސް މަސައްކަތްތެރިންނަށް ރަނގަޅު އުޖޫރައެއް ލިބޭނެ ކަމަށް ފާހަގަ ކުރައްވަމުން ވިދާޅުވީ, އޭރުން ވަޒީފާގައި އުޅެމުން އިތުރު މަސައްކަތެއް ކުރަން ނުޖެހޭނެ ކަަމަށެވެ.
ވަޒީފާގައި އެޅޭ ފަރާތްތައް ވެސް, ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ, އަމިއްލަ ކުދި ވިޔަފާރިތައްކޮށް އުޅެއެވެ. އެކަމަށް ވަގުތު ބޭނުންވާތީ މުޅި ދުވަހާއި ރޭގަނޑު މަސައްކަތުގައި ހޭދަކުރާ ގިނަ ޒުވާނުންތަކެއް އުޅެއެވެ. އެ ޒުވާނުނަށް ޑރ. މުޢިއްޒު ދެއްވީ ދެވަނަ ވަޒީފާއެއް ހޯދަން އުޅެން ނުޖެހޭނެ ކަމުގެ ޔަޤީންކަމެވެ.
އޭގެ އިތުރުން ޒުވާނުނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންވަމުން ވިދާޅުވީ, އާއިލާއާއި ރަހަމްތެރިންނާއެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއް ކަމަށާއި, ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ, އެކަމަށް ވަގުތު ހުސްކޮށްދެއްވާނެ ކަަމަށެވެ.
އޭގެ އިތުރުން ވެސް ޒުވާނުންނާއި, އެމަނިކުފާނުގެ އިތުރު ސިޔާސަތުތަކާއި ގުޅޭ ގޮތުން "ދެން އޮންލައިން"ގެ އިންޓަރވިއުގައި ޑރ. މުޢިއްޒު ވާހަކަފުޅު ދެއްކެވިއެވެ.