ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އެމްޑީޕީން ހިންގާފައިވާ ވައްކަންތައް ބަލަން ޖެހޭނެ: ޑިމޮކްރަޓްސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާއި އެމްޑީޕީން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެކަމަށް އެމްޑީޕީއަށް ރައްދުދީ ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

Ads by STELCO

ޑިމޮކްރަޓްސްއިން މިގޮތަށް ރައްދުދީފައިވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު އަލުން ނެގުމަށްޓަކައި، މައްސަލަ މަޖިލީހަށް ވެއްދުމަށް މެންބަރުންގެ ސޮއި ހަމަކުރަން ފަށާފައިވާކަމަށާއި އެކަން ރަސްމީކޮށް ފެށުމަށް މިއަދު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރުމަށް އެޖެންޑާކޮށްފައިވާތީއެވެ.

ޑިމޮކްރަޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވީ އެޕާޓީއަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކުރާ ޕާޓީއެއްކަމަށާއި، ވައްކަމާއި ކޮރަޕްޝަންތައް އިތުބާރު ހިފޭ ގޮތަކަށް ބަލަން ޖެހޭނެ ކަމުގެ ވާހަކައަކީ އަބަދުވެސް އެޕާޓީން ދައްކަމުން އަންނަ ވާހަކައެއްކަމަށެވެ. އެގޮތުން ރައީސް ޞާލިޙުއާއި އެމްޑީޕީގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޞާލިހް އަދި އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެ. ފިޔަވަޅު ނާޅައި ދުލެއް ނުކުރެވޭނެ. ދަ ޑިމޮކްރެޓްސް އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު" ޑިމޮކްރެޓެސްގެ ފަރާތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާތީ ޑިމޮކްރެޓްސްގެ ގިން މެންބަރުންތަކެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ވައްކަމާއި ކޮރަޕްޝަންތައް ބަލާނެކަމަށް ބުނެފައިކަމަށާއި ނަމަވެސް މިހާރު އެޕާޓީ ވަނީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުވެފައިކަމަށެވެ.

"ކޮރަޕްޝަން ބަލަން އަންނަ ސަރުކާރެއް ކަމަށް ބުނެ އައުމަށް ފަހު، އެމްޑީޕީ ވައްކަމުގެ ނެޓްވާކަކަށް ބަދަލުކޮށްލައި އަދި ވައްކަމުގެ ފަސް އަހަރު ދުއްވާލާފައިވާތީ މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ޤައުމުގެ ހަމަޖެހުން ނުލިބޭނެ" އިންތި ވިދާޅުވިއެވެ.

އެމްޑީޕީއާ ވަކިވީ މި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ބައިވެރިވެގެން ހިންގަމުންދާ ޚިޔާނާތުގެ ނެޓްވޯކުގެ ސަބަބުންކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

"މި ނެޓްވޯކު ރަނގަޅަށް ތަހުޤީޤުކުރެވި އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭ" އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ޑިމޮކްރަޓްސްއިން އެއްވެސް އިރެއްގައި ވައްކަމާއި ކޮރަޕްޝަނަށް ނުރުހޭނެކަމަށާއި، މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ބަލަން ޖެހޭނެކަމަށް ގޮވާލާފައެވެ.

"ބަލިވީމަ ބަލި ޤަބޫލުނުކުރެވިގެން ތެޅިގަތުން އެހާ ބުއްދިވެރިއެއްނުވާނެ. އަޅުގަނޑުމެން ޑިމޮކްރެޓުން އަވަސްވެ މި ގަންނަނީ ނިމި މިދާ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދެން" ޢާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރެވޭނީ އިތުބާރު ނެތް ކަމުގެ ވޯޓުގައި މަދުވެގެން 45 މެންބަރުންގެ ވޯޓު ލިބިގެންނެވެ. މިވަގުތު އެމްޑީޕީގައި 55 މެންބަރުން އެބަ ތިއްބެވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އޭރު ރައީސް ނަޝީދާއެކު ނާއިބު ރައީސް އީވާގެ މައްސަލަވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް ދެބޭފުޅުން ރިޔާސަތު ބަލަހައްޓަން ދެކޮޅު ހެއްދެވުމުން އެ މައްސަލަ ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

މަޖިލީހުގެ ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއްޖެނަމަ ރިޔާސަތު ބަލަހައްޓަވާނީ ނާއިބު ރައީސްއެވެ. ހަމަ އެގޮތަށް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއްޖެނަމަ ރިޔާސަތު ބަލަހައްޓަވާނީ ރައީސްއެވެ.

މިކަންތައްތަކުގެ ތެރެއިން 13 މެންބަރުން އެމްޑީޕީން ވަކިވެ، އިތުރު ޕާޓީއެއް އުފެއްދުމާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިގެން ދިއުމީ އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ ޢާންމު ކޮމިޓީންނެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކު ދެމަހެއްހާ ދުވަސް އެއްވެސް މަސައްކަތެއް ނުކުރެވި މަޖިލީސް ވަނީ ހުއްޓިފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް އެއްބުރުން ކާމިޔާބުކުރެވިފައި ނުވާތީ، އެމްޑީޕީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރަޓްސްއާއެކު ކުރި މަޝްވަރާގެ ތެރެއިން ރައީސް ނަޝީދު އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް ޑިމޮކްރަޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރުމަށް ނިންމުމާއި، އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމާއެކު، އަނެއްކާވެސް އެމްޑީޕީން މިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވެފައެވެ.

އެޕާޓީން ބުނާ ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަން ވާނީ މެޖޯރިޓީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ މެންބަރެކެވެ.

  1. ދިވެހި މުސްކުޅިން

    ތިހެން އީވާމެން ބުރުދައްކަން އުޅޭނެ އަވަހަށް ތިވޯޓް ނަގާ ބޭރުކޮށްލީމާ އެނިމުނީ ވައްކަމެއް ކޮށްފަ އޮތްނަމަތާ ކަމެއް ދެއްކޭނީ

  2. ެައަބްދޫ

    2008 ގަ ފެށުނު އެމްޑީޕީ ވެރިކަމުގަ ވައްކަމާ ކަރެޕްސަން ނިހާޔަތަށް އޮތް އިރު އެކަން ޔާމީނު ނުބެލީނަ ގޯސްވެގެން ދިޔައީ