ފަލަސްތީނު ހަނގުރާމައާއި ގުޅޭ ދޮގު މަޢުލޫމާތު ފަތުރާކަމުގެ ތުހުމަތު ޓިކްޓޮކަށް

އިޒްރޭލާއި ފަލަސްތީނާއި ދެމެދު ކުރިއަށްދާ ހަނގުރާމައާ ބެހޭ ގޮތުން ދޮގު މަޢުލޫމާތު ފަތުރާ ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން އިންޒާރުދީފިއެވެ.
އީޔޫއިން ޓިކްޓޮކްގެ ވެރިޔާ ޒީ ޗިއުއަށް ފޮނުވި ސިޓީއެއްގައި 24 ގަޑިއިރު ތެރޭގައި، ޓިކްޓޮކްގައި ދައުރުވާ، ޞައްޙަ ނޫން މަޢުލޫމާތު ހިމެނޭ ވީޑިއޯތަކާއިމެދު ފިޔަވަޅު އަޅަން ވަނީ އަންގައިފައެވެ.
މިފަދަ އިންޒާރެއް ޓިކްޓޮކަށް ދިންއިރު، ޔަހޫދީންގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުން އަންނަ ހިތްދަތިކަން، ޓިކްޓޮކްގެ އެކި ވީޑިއޯތަކުން ދަނީ ހާމަކޮށްދެމުންނެވެ.
އިޒްރޭލަށް ވާގިވެރިވާ އީޔޫއިން މީގެ ކުރިން، މީސްމީޑިއާ ޕްލެޓްފޯމުތައް ކަމުގައިވާ، ފޭސްބުކްއާއި އިންސްޓަގްރާމް މެޓާއަށް ވެސް އެފަދަ ކޮންޓެންޓްތައް ހުއްޓުވަން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ އެއްވެސް ކުށެއް ނެތް އެތައްސަތޭކަ ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ.
އެގޮތުން މިހައިތަނަށް 1،900 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 6،000އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައިވެއެވެ.