Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބެލްޖިއަމްއާއި ސްވީޑެންގެ މެޗުގައި ބަޑީގެ ހަމަލާދިން މީހާ މަރާލައިފި

ބެލްޖިއަމްއާއި ސްވީޑެންގެ މެޗުގައި ބަޑީގެ ހަމަލާދިން މީހާ މަރާލައިފި
ޔޫރޮ ކޮލިފައިންގައި ބެލްޖިއަމްއާއި ސްވީޑެންގެ މެޗު ކުރިއަށްދަނިކޮށް، ޢާންމުގެ ތެރެއަށް ބަޑީގެ ހަމަލާދިން މީހާ، ބްރަސެލްސްގެ ފުލުހުން މަރާލައިފިއެވެ. ރޭ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ކިންގް ބައުދޫން ސްޓޭޑިއަމްގައި ބޭއްވި މި މެޗުގެ ތެރޭގައި ދިން ބަޑީގެ ހަމަލާގައި ސްވީޑެންގެ 2 ސަޕޯޓަރަކު ވަނީ މަރުވެފައެވެ. އަދި 3 ވަނަ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. މި ޙަމަލާއާ ގުޅިގެން މި މެޗުގެ ފުރަތަމަ ހާފަށް ފަހު، މެޗު ވަނީ މެދުކަނޑާލާފައެވެ. މެޗު މެދުކަނޑާލިނަމަވެސް، ސަޕޯޓަރުންނަށް އެކަން އަންގާފައިނުވުމުން އެތައް އިރެއްވަންދެން ސަޕޯޓަރުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ތާށިވެފައެވެ. ސަޕޯޓަރުންގެ އިތުރުން ޓީމުގެ ކުޅުންތެރިންވެސް ވަނީ ސެކިއުރިޓީގެ ކަންކަން ހަމަޖެހެންދެން ދަނޑުތެރޭގައި މަޑުކުރަންޖެހިފައެވެ. އުމުރުން 45 އަހަރުގެ ޢަބްދުއްސަލާމް ލަސޫދް ނަމަކަށް ކިޔާ މި މީހާ އަތުލައިގަނެފައިވަނީ ކެފޭއެއްގެ ތެރޭގައި އިންދައެވެ. ފުލުހުން ވަނީ އޭނާ ފެނުމާއެކު ބަޑިން ހަމަލާދީ މަރާލާފައެވެ. ބްރަސެލްސްގައި ދެވުނު މި ހަމަލާއާ ގުޅިގެން ބެލްޖިއަމްގެ ބޮޑު ވަޒީރު އެލެކްސެންޑާ ޑި ކްރޫ ވަނީ ހަމަލާދިންކަމަށް ބެލެވެނީ ސަޕޯޓަރުން ނިސްބަތްވާ ޤައުމަށް ބަލައިގެންކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
"އޭނާ އެ ހަމަލާދީފައިވަނީ ސްވިޑަންގެ ސަޕޯޓަރުންނަށް ޓާގެޓުކޮށްގެން. އެ ހަމަލާގައި ދެ މީހަކު ވަނީ މަރުވެފައި. އަދި ތިންވަނަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އޭނާއަށް ދަނީ ފަރުވާދެމުން" ބެލްޖިއަމްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ގިނަ ބަޔަކު މި ހަމަލާ ކުއްވެރިކުރަމުންދާއިރު، މި މެޗުގެ އިންތިޒާމްތަކަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް