ޚަބަރު

ކުޅުދުއްފުށީގައި ހިނގި ހާދިސާގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވައި، މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ޒަޚަމްވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަން ނިންމައިފިއެވެ.

Ads by STELCO

އެމީހާގެ ޢާއިލާއާ ޙަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވަނީ، އަނިޔާވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި އަނިޔާވެފައިވާ ތަނުގެ ޖަރާސީމް ސާފުކޮށް ޕްރޮޓެކްޓު ކުރުމުގެ ޕްރޮސީޖާއެއް މިއަދު ހެނދުނު ވެސް ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ޒަހަމްވެފައި ވަނީ އޭނާގެ ކަނާތުގެ އުޅަބޮށި މަތިންކަމަށާއި އެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިކަމަށް ޢާއިލާއިން ބުނެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އެމީހާގެ އަތުގެ އިނގިލިތައް ހަރަކާތްކުރެވޭ ކަމަށާއި، އެހެން ކަމުން އަތް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ކުޅުދުއްފުށި އެއާޕޯޓުގައި ހިނގި ހާދިސާގައި 37 އަހަރުގެ މީހާ އާއެކު އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 11:45ހާއިރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!