ޚަބަރު

ދައުލަތުގެ ލިޔެކިޔުންތައް ކޮންކްރީޓް މެޝިނަކަށް އަޅައި ގަށާލި ބަޔަކު މަޖިލީހަށް ވައްދަން ހެޔޮނުވާނެ: ބޮންޑޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދައުލަތުގެ ލިޔެކިޔުންތައް ކޮންކްރީޓް މެޝިނަކަށް އަޅައި ގަށާލި ބަޔަކު މަޖިލީހަށް ވައްދަން ހެޔޮނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ބޮންޑޭ މިހެން ވިދާޅުވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ޤަރާރަކީ ރާއްޖޭގައި ކުރިއަށް އޮތް އިންތިޚާބުތަކަށް މުހިންމު ޤަރާރެއްކަން ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށާއި އެ އިންތިޚާބާއި މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާނެކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާ އަދި އޮފީސްތައް ޖަވާބުދާރީކުރުވުމަށް އެތައް ސިޓީއެއް އިދާރާތަކަށް ހުށަހެޅިކަމަށާއި ނަމަވެސް އެސިޓީތަކަށް ވީ ގޮތް މިއަދު ހާމަވެއްޖެކަމަށެވެ.

ބޮންޑޭ ފާހަގަކުރެއްވީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައި ދައުރުވުމުން އެކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ލިޔުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައި ނައްތާލާ މަންޒަރެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެ މަންޒަރު ވީޑިއޯކުރި މުވައްޒަފު މިހާރު ސަސްޕެންޑުކޮށްފައިވެއެވެ.

"ޖަވާބުދާރީ ނުވެ، ޖަވާބުދާރީ ކުރުމަށް އަޅުގަނޑުމެން ހުންނާނެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށްގެންނާއި އެތައް މިތަނަށް އޮންނާނެ ސަރުކާރުގެ އިދާރާތަކަށްވެސް ސިޓީ ފޮނުވާފައި. އެހެންނަމަވެސް އަހަރު ދެއަހަރުވެފައި ހުރި ޖަވާބު ނުދީ ސިޓީ އެބަހުރި" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ކުންފުނިތަކަށް އެތައް ބިލިއަނުން ރުފިޔާ ދޭކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ތާކުން ކުރާކަމެއް ނޫންކަމަށް ބޮންޑޭ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ކޮންމެ އަހަރަކު އެކަން އެބަކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ސާފުވީ އެ ޖަވާބުދާރީނުވެ އަޅުގަނޑުމެން ފޮނުވި ސިޓިތަކަށްވެސް ޖަވާބުދާރީނުވެ ކޮންކްރިޓް މެޝިނަކަށް އަޅައި ފެނާއި މިކްސްކޮށް ސިމެންޓި އަޅާއި ގަށާލިތަން. މިއީ ޖަވާބުދާރީވާގޮތް..... މިއެއްނޫން ހިސާބު ކިތާބު ބަލަހައްޓަގޮތަކީ" ބޮންޑޭ ވިދާޅުވިއެވެ.

އަދި އައު ރައީސްއެއް ސަރުކާރާއި ޙަވާލުވަމުންދާއިރު އެމަނިކުފާނަށްވެސް އެކަން އަންގަވާފައިނުވާކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"ސިމެންތި ކޮންކްރީޓް މެޝިނަކަށް އަޅާފައި ގަށާލީ އެ ދަޢުލަތުގެ ހުރިހާ ލިޔކިޔުންތައް އޭގައި ހިމެނޭނެ" ބޮންޑޭ ވިދާޅުވިއެވެ.

"އޭގެ އިތުރުން އަޅުގަނޑަށް ފެނުނު ވަރަށް ބޮޑު ވައްކަމެއް. ސިއްސައިގެންދާވަރު ވައްކަމެއް ކޮވިޑު ތެރޭގައި. ތެޔޮ ނާޅާއި ތެލަށް ބައިވަރު ފައިސާ ނަގާފައި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ނަގަފައި ހުރި. އެކަމަށް ޖަވާބުދާރީ ކުރަންވެގެން އަޅުގަނޑުމެން އެދުނީމައިވެސް ބިދޭސީއެއްގެ ބޮލުގައި އަޅުވާފައި ތިމަންނަމެން މިހާރު ފުލުސް އޮފީހަށް މައްސަލަ ފޮނުވައިގެން ތިބި ގޮތަށް ތިބީ. މިހާރު އަޅުގަނޑުމެންނަށް އެނގުނީ ކިހިނެއްކަން މިހެދީ. ޖަވާބުދާރީވަނީއޭ، ކޮންކްރީޓް މެޝިނަށް އަޅައި ނައްތާލަނީ ލިޔެކިޔުންތައް" ބޮންޑޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން ކަންކުރައްވާނީ ކިހިނެއްކަމާމެދު ސުވާލު އުފެދޭކަމަށް ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ މި ސަރުކާރަކީ މަޖިލީހުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބޭނެ ބައެއްކަމަށް ވިދާޅުވިޔަސް އެއީ މަޖިލީހަށް ވައްދަން ހެޔޮވާވަރުގެ ބައެއް ނޫންކަމަށެވެ.

"މިހާރު ވަރަށްބޮޑަށް ސާފުވެއްޖެ މި ސަރުކާރުން ތިމަންމަންނޭ މަޖިލީހުގައި ޒިންމާދާރު އިދިކޮޅު ޕާޓިއެއްގައި ތިބޭނީ. ޒިންމާދާރު އިދިކޮޅު ޕާޓީ ކަންކުރާ ގޮތެއް ނޫން މިއީކީ. ލިޔެކިޔުންތައް ދައުލަތުގެ ހިސާބުކިތާބު އިންތިޚާބީ ރައީސްއަށް ސިއްރުން އެމީހުން ނާންގައި މި މަރުޙަލާފައި ނައްތާލުން. އެވަރުގެ ބަޔަކު މަޖިލީހަށް ވައްދަން ހެޔޮނުވާނެ" ބޮންޑޭ ވިދާޅުވިއެވެ.

އަދި ލިޔެކިޔުންތައް ނައްތާލި މައްސަލައަކީ ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްކަމަށާއި އެކަން ކަމާބެހޭ ބައެއް ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!