ޚަބަރު ދުނިޔެ

ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ރައީސް ނިންމަވައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވައިިފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވީ ފަލަސްތީނުގައި ހާލުގައިޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ޞާލިޙް ނިންމަވާފައިވާކަމަށެވެ.

މި ހަދިޔާއަކީ ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ރަމްޒުކޮށްދޭ ދަލީލެއްކަމަށްވެސް ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމަށާއި، އެ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށެވެ.

މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު، އިޒްރޭލުން އަންނަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. ފާއިތުވި ދެހަފްތާތެރޭގައި ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު 5000 އަށް އަރާފައިވާކަމަށް އަލް ޖަޒީރާ ނޫހާއި ޙަވާލާދީ ބުނެފައިވެއެވެ. މީގެ ތެރޭގައި 2000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި އެތައް ހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފައެވެ. އަދި އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ޚިދުމަތްތަކުން ވަރަށް ބޮޑަށް މަހްރޫމްވެފައެވެ.

Ads by Allied Insurance
  1. އިޚްލާޞް

    ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ އިޚްލާޞްތެރި ބައިވެރިންނަށް މިދުނިޔެއާ އާޚިރަތުގަ ހެޔޮ ޖަޒާ ދެއްވާށި! އާމީން.