ޚަބަރު

ވިނަރެސްގެ ބާކީވާ ފްލެޓްތައް ވިއްކަން އަންނަ މަހު ހުޅުވާލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް އާބަންކޯއިން ނިންމައިފިއެވެ.

Ads by Sosun Fihaara

އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިހްތިޔާރު ކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބަލާއިރު، ވިނަރެސްގެ ފްލެޓުތަކެއް ފްލެޓް ނުވިކި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އަދި މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހްތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށާއި ބާކީވާ ފްލެޓުތައް ވިއްކަން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށް އާބަންކޯއިން ބުންޏެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

ވިނަރެސް ފްލެޓްގެ ގޮތުގައި 1344 ފެލެޓެއް ވަނީ އިމާރާތްކޮށްފައެވެ. 2 ކެޓަގަރީއަކުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ނަންތައް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން މާލޭ ރަށްވެހިންގެ ޚާއްސަ ކެޓަގަރީން 1058 މީހުންނަށް އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންގެ ކެޓަގަރީއިން 257 މީހުންވެސް މި ލިސްޓުގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!