ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ތުހުމަތުކުރަނީ އީވާ ގަސްތުގައި ޖަލްސާއަށް ވަޑައިނުގެންނެވީކަމަށް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީނަމަވެސް، ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަނީކަމަށާއި، ގަސްތުގައި މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވީކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 49 މެންބަރުގެ ސޮއިހަމަކޮށް އެމްޑީޕީން މަޖިލީހަށް ހުށަހަޅުއްވާފައިވާތީ، އެކަން އަންގައި މިއަދުގެ ޖަލްސާއަށް އެ މައްސަލަ އޮތީ އެޖެންޑާކޮށް މެންބަރުންނަށް އަންގައިފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން އީވާ އުޅުއްވަނީ ހުމުގެ އާލާސްކަންފުޅެއްގައެވެ. އަދި ޓެސްޓުކުރެއްވި އިރު ޑެންގޫ ހުމަށް ފައްސިވެފައިވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ. އެކަމަނާއަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭނެކަމަށް ވިދާޅުވެ، މިއަދު ހެނދުނު ސަލާމް ފޮނުވާފައިވާކަމަށް މަޖިލީހުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ނިއުޝާ ވަނީ އިޢުލާނު ކުރައްވައިފައެވެ.

މިކަން އިޢުލާނުކުރެއްވުމުން، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ އީވާ ހުށަހެޅުއްވި ރިޕޯޓުގައި ޑެންގޫއަށް ފައްސިވިކަމަށް އިނީ މިމަހުގެ 23 ވަނަ ދުވަސްކަމަށާއި ނަމަވެސް އޭގެ ޖެހިގެން އައި ދުވަހުވެސް މަޖިލީހުގެ ރިޔާސަތުގައި އީވާ އިންނެވިކަމަށެވެ.

"ޑެންގީ އަށް ޕޮޒިޓިވްވެފައި ހުރެގެން އެ ދުވަހު ރިޔާސަތުގަ ވެސް އިންނެވީ. އެހެންވީމަ އަޅުގަނޑުމެން ޤަބޫލުކުރަނީ ގަސްތުގައި ވަޑައިނުގެން ރިޔާސަތަށް ފިއްލެވީ ކަމަށް" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅެއް ނެތުމުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ ޖަލްސާވަނީ ނިންމައިލައިފައެވެ.

މަޖިލީހުގެ ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ސީދާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގެ ދަށުންނެވެ. ނިއުޝާ ވިދާޅުވީ މާދަމާގެ ޖަލްސާއަށްވެސް މި ގަރާރު އެޖެންޑާ ކުރައްވައި، ރިޔާސަތު ބެލެހެއްޓުމަށް އީވާއަށް ދަންނަވާނެކަމަށެވެ.

ނިއުޝާ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޕީޖީން ވަނީ މަޖިލީހުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާޢަތުގެ ދަށުން ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ. އެ މާއްދާގައި ބުނާގޮތުން މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްއަށް ރިޔާސަތު ބެލެހެއްޓެން ނެތް ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މެންބަރެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފްއެވެ.

ޢަލީ ނިޔާޒް ވަނީ މި މައްސަލާގައި އެ ޕާޓީގެ ޤާނޫނީ ޓީމާއެކު މަޝްވަރާކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޑރ. މުޙައްމަދު މުއިއްޒު ހުވާކޮށްފިނަމަ، އެ މަނިކުފާނު ކުރައްވާ ހުވާ ސައްޙަ ނުވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް ބުނެފައެވެ.

Ads by Allied Insurance
  1. ކެނެރީފް

    ބުދަ ބުރާސްފަތި ހުކުރު ހޮނިހިރު މި 5 ދުވަހު މިރާއްޖޭގެ އެންމެނަށް އެނގޭ އާދީއްތަދުވަހު އީވާ ހުން އަންނާނެކަން ބޮލުގައި ރިއްސާނެކަން ބަނޑަށް ތަދުވާނެކަން. އެންމެން ދަންނަ ބޮޑު ސިއްރު؟!

  2. ދިވެހި އެދުރުން

    މި ފެންނަނީ ގައުމުގެ ފަހުބަސް ބުނެވޭ މަގާމުތަކުގާ އަންހެން ވެރިން ތިބުމުން ގައުމު މިސްރާބުން ނެއްޓި އޮޔާދާތަން. މިވާހަކަ އެބައޮތް ހަދީސްތަކުން ފެންނަން.