ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލައިގެ ޖަލްސާ މިއަދުވެސް ނުބޭއްވުނު

ރައީސް ނަޝީދު މަޤާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އިއްޔެވެސް އެ މައްސަލައިގައި ގޮތެއް ނިންމަން ތާވަލުކޮށްފައިވެއެވެ. ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން އިއްޔެގެ ޖަލްސާވެސް ކުރިއަށް ގެންދެވިފައިނުވެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ގަވައިދު ބުނާއިރު، މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ޤަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.އިއްޔެގެ ޖަލްސާ ކެންސަލް ކުރީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވާއިރު، މަޢުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން އީވާ އުޅުއްވަނީ ހުމުގެ އާލާސްކަންފުޅެއްގައެވެ.
އަދި ޓެސްޓުކުރެއްވި އިރު ޑެންގޫ ހުމަށް ފައްސިވެފައިވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.
ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަނީކަމަށާއި، ގަސްތުގައި އިއްޔެގެ ޖަލްސާއަށް ވަޑައިނުގެންނެވީކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީން ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޑރ. މުޙައްމަދު މުއިއްޒު ހުވާކޮށްފިނަމަ، އެ މަނިކުފާނު ކުރައްވާ ހުވާ ސައްޙަ ނުވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް ބުނެފައެވެ.







ކޮމެންޓް