ދިވެހި ރެޑް ކްރެސެންޓް ފަލަސްތީން ފަންޑަށް 2.1 މިލިއަން ރުފިޔާ
ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ސީދާ އެހީވުމަށް ހުޅުވާފައިވާ ފަންޑަށް 2.1 މިލިއަން ރުފިޔާ މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ލިބިފައިވާ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފިއެވެ.
ރެޑް ކްރެސެންޓުން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންސާނީ ކާރިސާއާއި ގުޅިގެން ފަލަސްޠީނުގެ ރެޑް ކްރެސެންޓް (ޕީ.އާރު.ސީ.އެސް) އިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހަދިޔާކުރުމަށް ދިވެހި ރެޑް ކްރެސެންޓުން އެމަޖެންސީ ފަންޑެއް ހުޅުވާފައިވާ ކަމަށެވެ.
އަދި ޣައްޒާގެ ޙާލަތު ހަލުވިކަމާއެކު ގޯސްވަމުންދާތީއާއި، އެމްއާރުސީގެ ފަލަސްޠީނު ރިލީފް ފަންޑުގެ މުއްދަތު އިތުރުކުރުމަށް އާންމުންގެ އިލްތިމާސް ބޮޑުވުމާ ގުޅިގެން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ހުޅުވި ރިލީފް ފަންޑުގެ މުއްދަތު 12 ނޮވެމްބަރ 2023 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ވެސް ރެޑް ކްރެސެންޓުން ވިދާޅުވިއެވެެ.
ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރު.ސީ.އެސް)ގެ އިންސާނީ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި މިހާރުން މިހާރަށް ބޭނުންވެފައިވާ މި ރިލީފް ފަންޑުގެ ފުރުޞަތު 12 ނޮވެމްބަރ 2023 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެމް.އާރު.ސީއިން ވަނީ 28 އޮކްޓޯބަރ 2023 ގެ ނިޔަލަށް އެއްކޮށްފައިވާ ފައިސާ ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ފައިސާގެ އަދަދަކީ 2،105،227.14 ރުފިޔާ ކަމަށް ރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނެ އެކައުންޓުތައް:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރުފިޔާ އެކައުންޓް: 7701176022001
- (ބީއެމްއެލް) ޑޮލަރު އެކައުންޓް: 7701176022002
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް 99010155500036100
- އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200