ނުފިއްލަވައި ވޯޓާ ކުރިމަތިލައްވަން ފައްޔާޒު ރައީސް ނަޝީދަށް ގޮވާލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުން އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ ވޯޓާ ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވައިދު ވަނީ ބޭރުކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ފުރުއްވަމުން ގެންދަވާ ފައްޔާޒު ވަނީ މިއަދު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވޯޓު ހުއްޓުވުން އެއީ ފިނޑި އަމަލެއް ކަމަށް ވިދާޅުވެފައެވެ.
އަދި, މި އަމަލަކީ މަޖިލިސް 18 ގެ ރިޔާސަތުގައި އަބްދުالله މަސީހު އިންނެވިއިރު ހިނގާފައިވާ އަނިޔާވެރި އަމަލުތަކަށް ވުރެ ގޯސް ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.
ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ.
ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވިއެވެ.