ރިޔާސަތާ ޙަވާލުވެވަޑައިގެން އަސްލަމް ދެއްވީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ދިވެހި ރައްޔިތުންގެ މަސްލަޙަތާއި ޙައްޤުތައް ހިމާޔަތްކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އަސްލަމް އެ މަޤާމަށް އިންތިޚާބުވެވަޑައިގަތުުމަށް ފަހު ރިޔާސަތާ ހަވާލުވެވަޑައިގެން މެންބަރުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެބޭފުޅާގެ މަގާމުގެ މަސްއޫލިއްޔަތު އަދައިކުރައްވެމުގައި ހުރިހާ މެންބަރުންގެ އެއްބާރުލުމާއި، ހުރިހާ ސިޔާސީ ޕާޓީއެއްގެ އެއްބާލުން ބޭނުންވެވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މި މަގާމުގެ ޒިންމާތައް އަދައިކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތްކުރުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ތި އެންމެހާ ބޭފުޅުންނަށް އަރުވަން،" އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، ނަވާރަވަން ރައްޔިތުންގެ މަޖިލީހުގެ ބާކީ އޮތް ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށްޓަކައި އެ މަނިކުފާނުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އަސްލަމް ދެއްވިއެވެ. އަދި އެ މަސައްކަތް ކުރެއްވުމުގައި މަޖިލިސް ގަވައިދާއި، ގާނޫނު އަސާސީއާ ޚިލާފުނުވާހެން ކުރިއަށް ގެންދިއުމުގައި ވެސް ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވައި ތިޔަ ދެއްވި ވޯޓަށް ވަރަށް ތަނަވަސް އަޣުލަބވިއްޔަތަކުން ހޮއްވަވައިދެއްވިކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދައިކުރަން،" އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޤާމުން އިސްތިއުފާ ދެއްވުމުން، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރަން ރޭ 10:00 އަށް ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު، އެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން އެ މަގާމަށް ހުށަހެޅުއްވީ އަސްލަމްގެ ނަމެވެ. އަދި، މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަން ވެސް ހުށަހަޅައިފައެވެ.
އަސްލަމް މި މަގާމަށް އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ވޯޓުދެއްވި 76 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.