ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް، އިންތިޚާބީ ރައީީސްއަށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ: ސަލީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް އަވަސްކޮށް، އެކަން ހާސިލު ކުރެވޭނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް މަޖިލީހުގެ ބ.އޭދަފުށި ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އައު ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން، ޓީވީއެމްގެ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރަކުންނާއި މުއްސަނދިން އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށެވެ. މިކަން ޙައްލު ކުރެއްވުމަށް އިންތިޚާބީ ރައީސް ބޭނުންފުޅުވެލައްވާކަން ފާހަގަކުރައްވައި ސަލީމް ވަނީ އެކަމަށްޓަކައި ބޮޑެތި ބަދަލުތަކެއް، ޤާނޫނަށާއި އިތުރު ކަންކަމަށް ވެސް ގެންނާން ޖެހޭކަމަށް ވިދާޅުވެފައެވެ.

"ވަރަށް ގިނަ އުސޫލުތަކަށް ބަދަލު ގެންނާން ޖެހޭ، އެހެންވީމަ އެ ބަދަލުތައް އަންނާނީ، ޙަޤީޤަތުގައި، ޕާލިމެންޓް، އަޅުގަނޑުމެންގެ އަތްމައްޗަށް ލިބުނީމައި." ޕީޕީއެމްގެ އެއް ނައިބު ރައީސް، ސަލީމް ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށްޓަކައި ރައްޔިތުން ކޮށްދޭން ޖެހޭ ކަމަކީ ރައީސް މުޢިއްޒުއަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ކަމަށާއި، އެ ފުރުޞަތު ލިބިވަޑައިގެންފިނަމަ،  ޝަރުޢީ ދާއިރާއަށް ރައީސް މުޢިއްޒު އިންޤިލާބީ ބަދަލެއް ގެންނަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އަބަދު ވެސް އޮންނަނީ، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މުށުތެރޭގައި ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޖޭއެސްސީގެ ރައީީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ބޭނުން ޤާޟީއަކު ލައްވައި، ބޭނުން އިރަކު، ބޭނުން ޙުކުމެއް އިއްވަން އަމުރު ކުރައްވާ ކަމަށް ވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"އެ ފުރުޞަތު މި އޮންނަނީ މި ނިޒާމު ހަމަޖެހިފައި މިއޮތް ގޮތް، ގޯސްވީމަ. ޤާނޫނު ގޯޯސްވީމަ."

ޖޭއެސްސީގައި އެއްވެސް ސިޔާސީ ބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ.

އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމުގުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ މިވަގުތު، ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

އެ ނިޒާމު މިނިވަން ނޫންކަމަށް ޑރ.މުޢިއްޒު ފާހަގަކުރެއްވި އެންމެ މުހިންމު އެއް ސަބަބަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަތުމެވެ. މިއާއެކު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޝަރުޢީ ދާއިރާ މިނިވަން ކުރައްވާނެކަމަށާއި، ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އެއީ އަދުލުވެރި ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވަން ފަށްޓަވާނެކަމަށެވެ.

Ads by Ooredoo
  1. މަޖިލީހގެ މެޖޯރިޓީ އެކަނިތަ ބޭނުންވަނީ! މުޅި ގައުމު ދިރުވާލަބަލަ!