ޚަބަރު

ދިރާސީ އާ އަހަރު ޖެނުއަރީއަށް ބަދަލުކުރަން ނިންމުމުން މިނިސްޓަރު މަޖިލިހަށް ހާޒިރުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިރާސީ އާ އަހަރު، 2025 އިން ފެށިގެން ޖެނުއަރީ މަހަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފި އެވެ.

Ads by Sosun Fihaara

ރޮޒެއިނާ މަޖިލިހަށް ހުށަހެޅުއްވި ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ 2025 އިން ފެށިގެން ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރައްވާނެ ކަމަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް އަސަރުކޮށް އެ ކުދިންގެ އުމުރުން ބައެއް އަނެއްކާ ވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ނޯޓިސްގައިވެއެވެ.

އެހެންވެ، މިހާރު ހިނގަމުން މިދާ ދިރާސީ އަހަރު 2024 ގެ ޖޫންގައި ނިމޭއިރު، އެ ތާރީހާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުން ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެއެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރު ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!