ޚަބަރު ރައްޔިތުންގެ މަޖިލިސް

އަނދުން ޙުސައިން ވިދާޅުވީ އެމްޑީޕީ ސަރުކާރެއްކަމަކު ފްލެޓް ބެހި އިރު ޕޮއިންޓް ދީފައިވަނީ ރަނގަޅަށް ނޫންކަމަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިމެން ވެފައި އޮއްވައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލާފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ އެހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކައިލް ނަސީމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މައްސަލައަކީ އެމްޑީޕީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ލިބުނު މީހުންނާ ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލައި މީކާއިލް ހުށަހެޅި މައްސަލައެކެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި، ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫން ކަމަށް ފާހަގަކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ، އެމްޑީޕީއަކީ އެބޭފުޅާ ނިސްބަތްވާ ޕާޓީއަށްވި ނަމަވެސް އެކަމަކީ ރަނގަޅަށް ބަލާފައި އޮތްކަމެއް ނޫންކަމަށެވެ.

"ޤަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން... އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން." އަނދުން ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބޭފުޅާއަށްވެސް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ، އެއީ އެމްޑީޕީގެ ސަރުކާރަކުން އެބޭފުޅާ އުންމީދު ކުރެއްވިކަމެއް ނޫންކަމަށާއި އެ ޝަކުވާތައް ބެއްލެވުމުން އެބޭފުޅާއަށް އެނގިވަޑައިގަތީ ފްލެޓްތަކަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ސަރުކާރަށް ވަގުތު ނުލިބިގެން އުޅުނު ކަންކަމަށެވެ.

ނަމަވެސް، ރައްޔިތުން ވަނީ އެމްޑީޕީ ސަރުކާރަށް ފަސް އަހަރުގެ ފުރިހަމަ ދައުރެއް ދީފައި ކަމަށާއި އެހެންކަމުން އެކަމަށް ވަގުތު ނުލިބިގެން އުޅުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"މިކަމުގައި އަޅުގަނޑު ކުރި މަސައްކަތުން ސާފުވީ ފްލެޓަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ތެދުކަމާއި ދޮގުކަން ސާފުކުރަން ތިމަންނަމެންނަށް ވަގުތެއް ނެތޭ، އަޅުގަނޑު ދެންނެވިން ފަސް އަހަރު ރައްޔިތުން ދެއްވިއޭ، ފަސް އަހަރަށް ވުރެ ހަމަ އެންމެ ދުވަހެއް ވެސް ދައުރުގައި މަދެއް ނުވެއޭ،" އަނދުން ހުސައިން ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ އެންމެ ފަހު ވަގުތުތަކު ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓް ނެރި، އެ ފްލެޓްތަކުގެ ލިޔުން ދޭން ސަރުކާރުން މަސައްކަތް ކުރަނިކޮށް އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހުއްޓުވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!