މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި އިށީންދެ އިނދެ ހަޅޭލަވަން ފެށުމުން ޖާބިރުގެ ނަން އިއްވައިފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ނިސްބަތްކޮށް މަޖިލީހުގައި އަޑުގަދަކޮށް ހަޅޭލެވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު މިނިސްޓަރު ސައީދު އިންނެވީ ސުވާލަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެއެވެ. ޖަލްސާ ފެށުނުއިރުވެސް ޖާބިރު ގެންދިޔައީ މިނިސްޓަރު ސައީދު އިންނެވި މޭޒުކޮޅު ކައިރިއަށް ގޮސްވެސް ހަޅޭލަވާ އަޑުގަދަ ކުރަމުންނެވެ.
އޭގެފަހުން މިނިސްޓަރު ސައީދުއާ މެންބަރުން ސުވާލު ކުރުމަށް ފެށުމުންވެސް ޖާބިރުވަނީ ޖަލްސާއަށް ހުރަސްއެޅޭގޮތަށް އަޑުގަދަކޮށްފައެވެ. އެގޮތުން ރިޔާސަތު ހުންނަ މޭޒުކޮޅު ކައިރިއަށް ގޮސް އިށިންދެގެން އިނދެ ވަނީ ހަޅޭލަވާފައެވެ.
އެކަމާ ގުޅިގެން ޖާބިރަށް ތަކުރާރުކޮށް ނަސޭހަތް ދެއްވުމުންވެސް ޖާބިރު އަޑުގަދަކުރުން ހުއްޓާލާފައެއް ނުވެއެވެ. އަދި އޭގެފަހުން ވަނީ މިނިސްޓަރު ސައީދު އިންނަވާ މޭޒުކުރިމަތީ ބިންމަތީ އިށީންދެ އިނދެވެސް އަޑުގަދަކޮށްފައެވެ. އެހެންކަމުން ރިޔާސަތުން ވަނީ ޖާބިރުގެ ނަން އިއްވާ މަޖިލިހުގައި ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. އޭގެ ފަހުން ޖާބިރު ވަނީ އަމިއްލަ އަށް ޖަލްސާ ދޫކޮށް ނިކުމެގެން ގޮސްފައެވެެ.
ޖާބިރު މިނިސްޓަރު ސައީދުއާ މެދު ހިތްހަމަނުޖެހި އަޑުގަދަ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ކަންކަމާ ގުޅުވައިގެންނެވެ. އެ މައްސަލަ ބެލުމަށް ޖާބިރު ވަނީ ގޮވާލާފައެވެ. އަދި ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައާ ގުޅިގެންވެސް އަޑުގަދަކޮށް ހަދާފައިވެއެވެެ.