ޕީއެންސީއަކީ ސިޔާސީ ޕާޓީއެއް ނޫން, އެއީ އެމެޖެންސީ ލައިޓެއް: މަލީޙް

ވެރިކަން ކުރާ, ޕްރޮގްރެސިވް ކޮންގްރެސް ޕާޓީއަކީ, ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީން އުފައްދަވާފައިވާ ބެކަޕެއް ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ބައްދަލުވުމުގައި މަލީޙް ވިދާޅުވީ, ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ނަމުގައި ހިންގަމުން ގެންދާ ހަރަކާތަކީ ޕީޕީއެމް ފައްތާލަން ހިންގަމުން އަންނަ ހަރަކާތެއް ކަމަށެވެ. އެގޮތުން އިންތިޚާބުތަކަށް ޕީއެންސީން މީހުން ނެރެމުންދަނީ ޕީޕީއެމްގެ ފިޔާތޮށި ކުލަ ފޮހެލަން ކަަމަށް ވެސް މަލީޙް ވިދާޅުވިއެވެ.
މަލީޙް އިތުރަށް ވިދާޅުވީ, ޕީއެންސީއަކީ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެެއީ ރައީސް ޔާމީން ވަކި ޚާއްސަ މަޤްޞަދެއް ހާސިލް ކުރައްވަން އުފެއްދެވި ވެހިކަލެއް ކަމަށް ވިދާޅުވިއެވެ. މަލީޙް ޕީއެންސީ ސިފަ ކުރެއްވީ އެމެޖެންސީ ލައިޓެއްގެ ގޮތަށެވެ.
"ޕީއެންސީއަކީ ޕާޓީއެއް. އެއީ ރައީސް ޔާމީން ވަކި މަޤުޞަދަކަށްޓަކައި އުފެއްދެވި, ސްޕެޝަލް ޕާޕަސް ވެހިކަލެއް. އެއީ ޚާއްސަ ހާލަތަކަށް އެމަނިކުފާނު ތައްޔާރު ކުރައްވާފައިވާ, އަނެއްހެން ދަންނަވާ ކަމަށް ވަންޏާ އެމެޖެންސީ ލައިޓެއް." މަލީޙް ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ, ޕީއެންސީން މިއަދު މަސައްކަތް ކުރަމުން އަންނަނީ ރައީސް ޔާމީންގެ ސިޔާސީ މައިދާނުން އެކަހެރި ކުރަން ކަމަށެވެ.
"ރައީސް ޔާމީންގެ ސިޔާސީ މަސައްކަތެއް ނުހުއްޓޭނެ. ރައީސް ޔާމީން ހުންނަވާނީ ގަދަކޮށް, އެއީ ސިޔާސީ ވަރުގަދަ ލީޑަރެއް, އެއީ މިޤައުމު ނުދެކޭފަދަ ސިޔާސީ މުފައްކިރެއް" މަލީޙް ވިދާޅުވިއެވެ.







ކޮމެންޓް