ކުޅުދުއްފުށިން އިތުރު ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ
ހދ. ކުޅުދުއްފުށިން ރާއްޖެއިން ނައްތާލާފައިވާ ބައެއްޔެއް ކަމަށްވާ ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
މިއާއެކު ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 19 އަރާފައެެވެ. އެ ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައި ވަނީ މުޅިންވެސް ބިދޭސީ މަސައްކަތްތެރިންނެވެ.
އެ ސިޓީން ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައި ވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން ހެދި ސްކްރީނިން ޓެސްޓަކުން 17 މީހުކު އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.
އެހެން ކަމުން އެޗްޕީއޭގެ އިރުޝާދާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުން ފަހުން ހެދި ޓެސްޓުތަކުން އިތުރު ދެ ބިދޭސީއަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭ އިން މީގެ ކުރިން ބުނީ ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވްވެފައި ވަނީ އެ ބަލި އުޅޭ ޤައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި ފައިލޭރިޔާ ޖެހިފައި ތިބި 19 މީހަކަށް ފަރުވާ ދެމުން އައި ކަމުގައި ވިޔަސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ.
އެޗްޕީއޭއިން ވަނީ ފައިލޭރިޔާއަށް ޓެސްޓުކުރަން ކުޅުދުއްފުއްޓަށް 500 ކިޓް ފޮނުވާފައެވެ.