މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރުދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި މީހަކު މެންބަރު ޝިފާއު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
މެމްބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ގޮވާލާފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ އެ ޕާޓީން ކަންބޮޑުވާކަމެއް ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.