ޚަބަރު

ވަޒީރުންނަށް ރުހުން ނުދިނަސް ވަރިހަމަ: އަބްދުއްރަހީމް

އަލީ ސަމާޙް ، ދެން އޮންލައިން

މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ މައްސަލަ ފުރަތަމަ ކޮމިޓީން ފާސް ކުރުމަށް ފަހު ތަޅުމަށް ފޮނުވިއެވެ. އެކަމކަކު ނަމަވެސް މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވައިފައެވެ. އެ މަސައްކަތް ''ޕާކް'' ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ދެ މަހުގެ ޗުއްޓީއަކަށް ވަޑައިގެންފައެވެ.

މިރޭ އެމްޑީޕީގެ 13 މެމްބަރުން ޕީއެންސީއާ ގުޅުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމުން އެކަމާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރުހުން ނުދީފިނަމަ އިތުބާރު ނެތްކަމަށް ފާސްކޮށްގެން ވަޒީރުން ވަކި ކުރުމުގެ ފުރުސަތު މަޖިލީހަށް ނޯންނާނެ ކަމަށެވެ. އެހެންވެ ރުހުން ނުދީފާނެތީ ސަރުކާރުން ކަންބޮޑުނުވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު އެހާ ވަރަކަށް ތިޔަ ރުހުން ހޯދާކަށް ނުވެސް އުޅެން. ރުހުން ދެންޏާ ދޭންވީ. ނުދެންޏާ ނުދީ ތިއްބަވަންވީ. ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން އެމަނިކުފާނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން މީހުން އައްޔަން ކުރުމުގެ ބާރު ލިބިދޭ. ރުހުން ނުދީފިއްޔާ އެއްގޮތުން މާ ރަނގަޅު

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނަސް ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސަރުކާރު ހިންގަން އައްޔަން ކުރައްވާ ބޭފުޅުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައީސަކު، މަޖިލިސް ތެރެއިން ވިޔަސް ސަރުކާރު ވައްޓާލާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

ރައްޔިތުން އިންތިހާބު ކުރީމަ ބަގާވާތަލުން ވެރިކަން ވައްޓާލަކަށް ފުރުސަތު ނުދޭނަން. އެއީ މަޖިލީހުން ވިޔަސް އެކަން ކުރަން ޖާގައެއ ނުދޭނަން.

އަބްދުއްރަހީމް ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ކަމަށެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހާރައި 2013 ވަނަ އަހަރުވެސް އޭރު އޮތް ރައްުޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން ކަމަށެވެ.

ޑިއެމްޑީޕީން ޕީޕީއެމް/ޕީއެންސީން ޑިމޮކްރަސީ ދަސްކުރަން ގޮވާލަމުން އަބްދުއްރަހީމް ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީ އުސޫލުން ކަންކުރަމުން އަންނަ އެ ޕާޓީން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!