ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޗައިނާއަށް

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އާދީއްތަ ދުވަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރަންވަން ނިންމަވައިިފިއެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ބޭރުގެ ޤައުމަކަށް ކުރައްވާ 3 ވަނަ ދަތުރުފުޅަށެވެ. ހުވާ ކުރެއްވުމަށްފަހު ޑރ. މުޢިއްޒު ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެދަތުރުފުޅުގެ ތެރެއިން ޔޫއޭއީގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) އަށް ވަޑައިގެންނެވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރަސްމީ އިއްޒަތުގައި ޑރ. މުޢިއްޒު ކުރައްވާނެ ފުރަތަމަ ސްޓޭޓް ވިޒިޓެވެ.
ރައީސްގެ ދަތުރުފުޅެއް ޗައިނާއަށް ކުރައްވަން ނިންމެވިއިރު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެއީ، އެ ގައުމުގައި ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.