ނެދަލޭންޑްސް އާއި ސިންގަޕޫރުގެ ކުންފުނިތަކުން އިންޑިއާގައި ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓް ގުޖުރާތުގައި ބާއްވާ އިންވެސްޓަރުންގެ ސަމިޓުގައި ނެދަލޭންޑްސް އާއި ސިންގަޕޫރުގެ ކުންފުނިތަކުން އިންޑިއާގައި 7.19 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސަމިޓް ފެށުމުގެ ގޮތުން މޯދީ ބުދަ ދުވަހު އެތައް ހާސް އިންވެސްޓަރުންނާ މުހާތަބު ކުރައްވާނެ ކަމަށާއި މި ސަމިޓުގައި 133 ގައުމެއްގެ ވިޔަފާރިވެރިންނާއި ޗީފް އެގްޒެކެޓިވްސް އަދި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސަމިޓަކީ އިންތިޚާބުގެ ކުރިން މޯދީ އެންމެ ފަހުން ބާއްވާ އިންވެސްޓްމަންޓް ސަމިޓްތަކުގެ ތެރެއިން ތިން ވަނަ ދައުރަކަށް ވާދަކުރައްވާ އަދި ކާމިޔާބު ކުރައްވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރާ ސަމިޓެކެވެ.
ގުޖުރާތުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަހްމަދުއާބާދުގައި މޯދީގެ ޕޯސްޓަރުތައް ހަރުކޮށްފައިވާއިރު، މި ހަރަކާތުގެ ކުރިން އެ ސްޓޭޓަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސްޓޭޓަށް ވަޑައިގެންނެވި ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ޕޯސްޓަރުތައް ވެސް ވަނީ ހަރުކޮށްފަ އެވެ.
އިންޑިއާގައި ހުންނަ ސިންގަޕޫރުގެ ހައިކޮމިޝަނުން އެކްސް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ގައުމުގެ ވަފުދުން މި ސަމިޓުގައި 270 ބިލިއަން ރުޕީސް (3.25 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓްތަކެއް އިއުލާނު ކުރާނެ ކަމަށެވެ.
ނެދަލޭންޑްސް ބިޒްނަސް ސަޕޯޓް އޮފީހުގެ ޗީފް އިންޑިއާ ރެޕްރެޒެންޓޭޓިވް އަމްލާން ބޯރާ ހޯމަ ދުވަހު އޭއެންއައި ނިއުސް އެޖެންސީއަށް ވިދާޅުވީ ނެދަލެންޑްސްގެ ކުންފުނިތައް ހިމެނޭ ގޮތަށް ނެދަލޭންޑްސްގެ ވަފުދުން މި ސަމިޓުގައި ގުޖުރާތާއި އިންޑިއާގެ އެހެން ސްޓޭޓްތަކުގައި ޖުމްލަ 3.6 ބިލިއަން ޔޫރޯ (3.94 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓެއް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.