ޚަބަރު

ލިބުނު ފިލާވަޅުގެ ބޭނުންހިފާ ކުރިޔަށްހުރި އިންތިޚާބުތަކަށް ނިކުންނާނީ މާ ގަދަކޮށް: އަބްދުއްރަޙީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ މޭޔަރު އިންތިޚާބުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފައިގެން، ކުރިއަށްހުރި އިންތިޚާބުތަކުގައި ޕީޕީއެމް/ޕީއެންސީން ނިކުންނާނީ މާގަދަކޮށް ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަބްދުއްރަޙީމް މިހެން ވިދާޅުވީ މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންއާ ގުޅޭގޮތުން ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މާލެ ސިޓީއަށް މޭޔަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މިއިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޢާޒިމާ ޝަކޫރެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މިނާކާމިޔާބީގެ އަސްލަކީ މި އިންތިޚާބަށް ދޭންޖެހޭ ސަމާލުކަން ނުދެވުން ކަމަށެވެ. މިރޮނގުން ވާހަކަދައްކަވަމުން ޕީއެންސީއަށް ސަރުކާރު ހަވާލުވުމާއެކު، ޕާޓީގެ ލީޑަރޝިޕުން ސަރުކާރު އެކުލަވާލުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އޭގެ ސަބަބުން ޕާޓީގެ ޢާންމު މެންބަރުންނާމެދު ބާއްވަންޖެހޭ ގާތްގުޅުން ބޭއްވުމަށް ހުރަސްއެޅުނު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތްތާގައި ޕާޓީގެ ޢާންމު މެންބަރުންނާއެކު، އިހަށްވުރެ، ގާތްގުޅުމެއް ބާއްވަވާނެކަމަށެވެ. އަދި އެކަށީގެންވާ މިންވަރަކަށް އިންތިޚާބަށް މަސައްކަތް ނުކުރެވުމުން، ޕާޓީގެ މެންބަރުންގެ ކިބައިން ޢަބްދުއްރަހީމްވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

"ޙަޤީޤަތުގައި މި އިންތިޚާބަށް ދޭންވާ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް ނުވެއް ދެވުނު. އޭގެ ނަތީޖާއަކަށްވީ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް ނުލިބުން. އެހެންނަމަވެސް، މި އިންތިޚާބުގެ ނަތީޖާއިން މިލިބުނު ފިލާވަޅުތަކުގެ ބޭނުންހިފައިގެން ކުރިއަށް ހުރި އިންތިޚާބުތަކުގައި މިއަށްވުރެ ވަރުގަދައަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން މެންބަރުންނަށް އަރުވަން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ކުރިމަގުގައި ޕާޓީގެ އެއްވެސް މެންބަރަކު މާޔޫސްވާނެ އެއްވެސްކަމެއް ލީޑަރޝިޕުން ނުފެންނާނެކަމަށާއި، ކުރިއަށްހުރި އިންތިޚާބުތަކަށް ޕީޕީއެމް/ޕީއެންސީން ނިކުންނާނީ މާގަދަކޮށް ކަމަށެވެ. އަދި ކުރިއަށްހުރި އިންތިޚާބުތައް ކާމިޔާބުކުރުމަށް ވަރުގަދައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން، ޕީޕީއެމް/ޕީއެންސީގެ ޢާންމު މެންބަރުންނަށް ޢަބްދުއްރަޙީމް ދެއްވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށްވެސް މެންބަރަކު ވަނީ އިންތިޚާބުކޮށްފައެވެ. މި 3 ގޮނޑީގެ ތެރެއިން 2 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ. އަނެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!