މިނިސްޓަރުގެ އާދޭހާއި އިސްތިމާސް, ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމުގެ ކުރިން ޖެހޭނެ ހާލާމެދު ވިސްނާ
އިންޓެލިޖެންސް ރިޕޯޓްތަކާއި އެ ނޫންވެސް މަސްދަތުތަކުން އިނގޭ ގޮތުގައި ރާއްޖޭގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ހަނގުރާމައަށް ދާން ބޭނުންވާ ދިވެހިން ތިބި ކަމަށް އިނގޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ސީރިއާގެ ހަނގުރާވެރި ސަރަހައްދަކުން ޖުމްލަ 21 މީހަކު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 15 ކުޑަކުދިން ހިމެނެއެވެ. އެންމެ ތުއްތު ކުއްޖާގެ އުމުރަކީ ތިން އަހަރެވެ. ދެން ތިބީ ފަސް އާއިލާއަކަށް ނިސްބަވްތާ ފަސް އަންހެނުންނާއި ފިރިހެނެކެވެ.
ސީރިއާއިން ގެނައި ފަރާތްތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބްރީިފިންގައި މިނިސްޓަރު ވިދާޅުވީ, ރާއްޖޭގައި ހަނގުރާމަވެރި ސަރަހައްދުތަކަށް ދާން ބޭނުންވާ މީހުން ތިބި ކަމަށާއި ނަމަވެސް އެކަމައިގެން އުޅުމުގެ ކުރިން, އެތަނަށް މިހާރު ގޮސްފައިވާ ފަރާތްތަކަށް ދިމާވެފައިވާ ހާލާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.
"ދިވެހިން ވިސްނަން ޖެހޭ ހަޤީޤީގަތަކީ މިފަދަ އާއިލާތަކުން ގޮސް އެފަދަ ތަންތަނުގައި ޖެހޭ ހާލު. ފިރިހެންވެރިން ބައެއް ފަހަރު ނިޔާވެ, އޭނާއެކުގައިދާ އަނބިދަރިން ޖެހޭ ހާލު. އެތަނަށް އުފަންދާ ދަރިންނަށް ޖެހޭ. އެތަނަށް ގޮސް ހިނގާ ބިނގާވެ އުޅޭ ކުދިންނަށް ޖެހޭ." އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ, ބައްޕަ މަރުވުމުން ތުއްތު މައުސޫމު ކުދިންނާއި އަންހެނުން އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އަންނަ ބޭނުންވެފައިވާކަން އިހްސާން ފާހަގަ ކުރެއްވިއެވެ.
އިހްސާން ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ 100އަށްވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި އެބަތިއްބެެވެ. އޭގެ ތެރެއިން 90 މީހަކު ރާއްޖެއަށް އަންނަން އެދިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިފަދަ ތަންތަނަށްދާން ޚިޔާލު ގެންގުޅޭ ބޭފުޅުން އާއިލާގައި ތިބި ނަމަ އެކަން ފުލުހުންނަށް ހިއްސާކޮށްދިނުމަށެވެ. އޭރުން ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން އެބޭފުޅުނަށް ފަރުވާ ދެވިއްނަމަ އެ ޚިޔާލުން ދުރުވާނެ ކަމަށް އިހްސާން ފާހަގަ ކުރެއްވިއެވެ.
އިހްސާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރާއްޖެއަށް ނިސްބަތްވާ ފަރާތްތައް ގެނައުމަށް ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ގިނަ ގޮންޖެހުންތަކެއް އެކަމުގައި ހުންނަ ކަމަށެވެ. އެގޮތުން ހަނގުރާމަވެރި ސަރަހައްދުތަކަކީ ވަދެނިކުމެ ހަދަންށާއި އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަ ތަންތަން ނޫންކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދައުލަތުގެ ހުރިހާ ރިސޯސެއް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.