ސަރުކާރުން ކައުންސިލަށް އެއްވެސް ނުފޫޒެއް ނުފޯރުވާ: ނަރީޝް
![](https://dhen.mv/wp-content/uploads/2024/01/EC8BB794-7E46-406E-B98B-074CABA4E2F0-850x548.jpeg)
މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުގެ އެއްވެސް ނުފޫޒެއް ކައުންސިލްގެ މައްޗަކަށް ފޯރުވާފައި ނުވާކަމަށް މާލޭ ސިޓީކަންސިލްގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ، ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ތުހުމަތުކުރެއްވުމާއި ގުޅިގެންނެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާކަމަށާއި، ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.
މިކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ މިއަދުގެ ނިންމުމަކީ ކައުންސިލްގެ ޖަލްސާއަކަށް ހުށައަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވެ މެމްބަރުން އެގޮތަަށް ބޭނުންވުމުން ނިންމި ނިންމުމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.
“ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްތަކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ” ނަރީޝް ވިދާޅުވިއެވެ.