ޚަބަރު

މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގައި ވެހިކަލް ލިމިޓެއް ކަނޑައަޅާ, ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ނިންމުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މި މަސައްކަތް ފަށާފައިވަނީ ރޭ, މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާ ކުރެއްވި މޭޔަރު އާދަމް އާޒިމެވެ.

ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލު ކުރައްވާ މިއަދު އާޒިމް ވިދާޅުވީ, ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި އެކަން ކުރިޔަށް އޮތް ހަ މަހުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް ވާހަކަ ދެކެވިފައިވަނީ މިކަމުގެ އެކުގައި މަސައްކަތްތައް ކުރުމަށް. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމުގައި އެހީތެރިކަން ދެއްވޭނެ ކަމަށް. ޓްރާންސްޕޯޓް މިނިސްޓަރު އަމީންއާ ވެސް ފޯނުން ވާހަކަދެވުނު, އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި،" އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހު އެކުލަވާލާފައެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރެއްވިއެވެ. ނަމަވެސް އެކަން ނުކުރެވުނީ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން ކަމަށް އޭރު މޭޔަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!