ޚަބަރު

ސަރުކާރަށް ޒައްރެއްގެ މިންވަރަށް ވެސް އުދަނގުލެއް ނުކުރާނަން: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާއްމުންގެ މަސްލަހަތު ހިމެނޭ, އާއްމުންނަށް ފައިދާވާ ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރު ވެސް އުދަނގުލެއް ނުކުރައްވާނެ ކަަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

އާޒިމް މިހެން ވިދާޅުވީ ހުވާ ކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް ޖަލްސާގައެވެ.

އާޒިމް ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނާ ފުރަތަމަ ފަހަރަށް ދިމާވީ އެމަނިކުފާނުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކަަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ކައިރީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ވާހަކަ ވިދާޅުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ, ރައްޔިތުންނަށް ފައިދާވާ، ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި، ޒައްރެއްގެ މިންވަރަށް ވެސް ސަރުކާރަށް އުދަނގުލެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އެއްވެސް ހުރަހެއްނެތި ލިބޭނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އޭނާއާއެކު މަސައްކަތް ކުރައްވާ ކައުންސިލަރުން ކުރެން ވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށާއި, ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އުނދަގޫވާ ކަމުގެ އިހުސާސެއް ކުރެވުނަސް އެކަން އަންވައިދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލާއި ސަރުކާރާއި ނުވަތަ ސަރުކާރުގެ ވުޒާރާއަކާ އެކުގައި ވެސް އެއްވެސް ކޯޅުމެއް އޮންނަން އޭނާ ބޭނުންފުޅު ނުވާ ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު, ސިޓީ ކައުންސިލަށް ވެސް ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް އެމްޑީޕީގެ މޭޔަރާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވަނީ ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!