ޚަބަރު

ވަޒީރުންނާ ސުވާލުކުރެވޭ ފުރަތަމަ ފޯރަމް މިރޭ

އަލީ ސަމާޙް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދަނީ /ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ހޮނިހިރު ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

މި ފޯރަމް ކުރިއަށް ގެންދަނީ ރައީސްގެ އޮފީހާއި ޕަބްލިކް ސަވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ.

މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. "އަހާ"ގެ ނަމުގައި ދެ ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ

  • 1- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު
  • 2- އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު: މުހައްމަދު ސައީދު
  • 3- އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު: އާއިޝަތު ޝިހާމް
  • 4- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.އަބްދުﷲ މުއްތަލިބް
  • 5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: އަބްދުﷲ ރާފިއު

މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތް ބޭފުޅުން ހުވާކުރެއްވުމަށް ހޯމަދުވަހުގެރޭ ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދެ މަހުން އެއް މަހު، ވަޒީރުން ރައްޔިތުންނަށް، ސަރުކާރުންކުރާ ކަންކަން ކިޔައިދިނުމާއި، ރައްޔިތުން ކުރަންހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދެއްވާނެ ވާހަކަ މީގެ ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން އެ ފޯރަމްގައި ބޭނުން ސުވާލެއް،  އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނެއެވެ.

''ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެންބަރސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް، އަޅުގަނޑުމެން މި ދެންނެވި، ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަންހުރި ހުރިހާ ސުވާލެއް، ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް، ތިން މަހުން އެއްމަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުޞަތު ދޭނަން'' ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ސަރުކާރަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެއެވެ. އެމަނިކުފާނު  ކުރައްވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކަމަށާއި ގާނޫނުއަސާސީގައި އޮތް މަސައްކަތް ކަމަށެވެ.

އެއަކުއެއް ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަންޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރިއަށް

ޕީއެސްއެމް އިން ބުނީ  ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

Ads by HDC
  1. ފޯއް ބާެއްވަބަލަ