މިސްކިތްތައް ވަނުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރަނީ
މިސްކިތްތަކަށް ވަނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް އަންނަ ރޯދަ މަހުގެ ކުރިން ހައްލުކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"އަހާ" ގެ ނަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމަށް ސަލްޓަން ޕާކްގައި ބޭއްވި ޕަބްލިކް ފޯރަމްގައި ސައީދު ވިދާޅުވީ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާ ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުންނަމަ ލޯފަން މީހުންނަށް ވަޒީފާގެ ފުރުސަތު އެންމެ ގިނައިން ފަހިކޮށްދީފައިވާ އެއް ވުޒާރާ އަކީ އިސްލާމިކް މިނިސްޓްރީއެވެ.
''އިމާމުންގެ ގޮތުގައި އެބަތިބި ލޯފަން ބޭފުޅުން. އަޅުގަނޑު މިރޭވެސް އެ ބޭފުޅުންނަށްޓަކައި ފަހުރުވެރިވަން. ގަޑި ނުޖެހި މިސްކިތަށް ގޮސް ހިތުދަސް ކޮށްގެން ގުރުއާން ކިޔަވައި މިސްތަކުންނާއި އެކު އިމާމްވެ ނަމާދު ކުރުމަކީ ހާދަ މަތިވެރި ޝަރަފެކޭ'' ޝަހީމް ވިދާޅުވިއެވެ.
ލޯފަން މީހުންގެ ތެރެއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ޝަހީމް ދެއްވިއެވެ. ދާދި އަވަހަށް އިޝާރާތުގެ ބަހުން ހުތުބާ ތަރުޖަމާ ކުރުމުގެ އިތުރުން ލައިބްރަރީގައި ހުރި ފޮތްތަކަށް އަޑުއެޅުމުގެ މަސައްކަތް އިސްލާމިކް ޔުނިވާސިޓއާ އެކު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
''މިސްކިތަށް ވަނުމުގައި (ހާއްސަ އެހީއަށް ބޭނުންވާ) ދިމާވާ ދަތިތައް މަލެ ސިޓީ ކައުންސިލާއި މަޝްވަރާކޮށްގެން ތި މައްސަލައަށް ވަރަށް އަވަސް ހައްލެއް ގެންނާނަން. ރޯދަ މަހުގެ ކުރިން ތިކަމަށް ހައްލު ހޯދައިދޭނަން'' ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ފަންޑާއ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ އެ ފަންޑަކީ ރާއްޖޭގައި އޮތް ފަންޑުތަކުގެ ތެރެއިން އެންމެ މާތް އަދި އެންމެ ހެޔޮ ފަންޑު ކަމަށެވެ. އެއީ ތަނަވަސް މީހުންގެ މުދަލުން ޒަކާތް ދައްކާ ފަންޑު ކަމަށެވެ. އެއީ ކޮންމެ ދާއިރާއަކަށް ފަންޑުކުރެވޭނެ ފަންޑެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވަކި ހާއްސަ ދާއިރާއަކަށް ހަރަދުކުރާ ފަންޑެއް ކަމަށެވެ. އެކަން ކުރެވެމުން ދަނީ އޮންނަ އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހާލަތަށް ބެލުމަށް ފަހު ބޭސްފަރުވާ ފަދަ ކަންކަމަށް ޒަކާތު ފަންޑުން ހަރަދުތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޒަކާތު ފަންޑު މެދުވެރިކޮށް މިހާތަނަށް 30 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.